ހަބަރު

މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް ނާރާ ގައުމަކަށް ރާއްޖެ

ރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްނުވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަދު ރާއްޖެއަށް ލިޔުން ހަވާލުކޮށްފި އެވެ.

ހާއްސަ ރަސްމިއްޔާތެއްގައި ލިޔުން ހަވާލު ކުރީ އެ ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕާލް ސިންގެވެ. ރާއްޖޭގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގަތީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ރާއްޖެއަށް ލިބުނު ލިޔުމާއެކު މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލް ނުވާ ކަމުގައި ކަނޑައެޅި މި ސަރަހައްދުގެ ދެވަނަ ގައުމަކަށް ރާއްޖެވީ އެވެ. ރާއްޖެ އަކީ އަދި މުޅި ދުނިޔެއިން މި ސެޓްފިކެޓް ލިބުނު 12 ވަނަ ގައުމެވެ.

މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނައްތާލެވުނު ކަމަށް ރާއްޖެއަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލިބުނު ހަތަރު ވަނަ ސެޓިފިކޭޝަން އެވެ. މީގެ ކުރިން ރާއްޖެއިން މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ނައްތާލެވުނުކަމަށް ކަނޑައަޅާ ސެޓްފިކެޓް ވަނީ ދީފަ އެވެ. އަދި، ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޕޯލިއޯ އަދި ތުއްތު ކުދިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖެ މިއަދު ހާސިލް ކުރި ސެޓިފިކޭޝަން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިކަމަށް ކަނޑައަޅާފައިވާ ސްޓޭންޑަޑުތަކާ އެއްގޮތަށް، މި މަސައްކަތް ކުރިއަށްގެންދިޔުމަށް ނެޝަނަލް ވެލިޑޭޝަން ކޮމިޓީއެއް ގާއިމްކޮށް މަސައްކަތް ކުރެވުނުކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ. އެގޮތުން، ކަނޑައެޅިފައިވާ މިންގަޑުތަކާއެއްގޮތަށް ކަންތައްތައް ހުރިތޯ ދެނެގަތުމަށްޓަކައި 2018 ވަނަ އަހަރުގެ ކުރީކޮޅު ކަމާގުޅޭ ތަފާސްހިސާބާއި މައުލޫމާތު އެއްކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގި ކަމަށާއި މާބަނޑު ދުވަސްވަރު ސިއްހީ ހިދުމަތް ހޯދާ މީހުންގެ ނިސްބަތާއި، މާބަނޑު ދުވަސްވަރު އެޗްއައިވީ އަދި ސިފިލިސްއަށް ޓެސްޓް ކުރެވޭ މީހުންގެ ނިސްބަތް ދެނެގަނެވުނުކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

މިކަމާ ގުޅޭ ގައުމީ ރިޕޯޓް އެކުލަވާލައި، ޑަބްލިއުއެޗްއޯ އަށް ހުށަހެޅީ މިދިޔަ އަހަރު އެވެ. ރިޕޯޓްގައިވާ ކަންތައްތައް ފުރިހަމަވެފައި ހުރި މިންވަރު ދެނެގަތުމަށް ސަރަހައްދީ ވެލިޑޭޝަން ޓީމެއް ރާއްޖެ ވަޑައިގެން މާލެ އާއި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ ބައެއް ތަންތަނާއި، އުފަންވެނި ސިއްހަތާއި އަދި މައިންނާއި ތުއްތުކުދިންގެ ސިއްހަތާ ބެހޭ ޕްރޮގްރާމްތައް، އަދި އެޗްއައިވީއާއި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ބެހޭ ޕްރޮގްރާމްތައް ހިނގާ ގޮތާއި މިކަމާބެހޭ ކަންކަން ވަނީ ދިރާސާ ކޮށްފައި ކަމަށްވެސް ހެލްތުން ބުނެ އެވެ.

ރީޖަނަލް ވެލިޑޭޝަން ޓީމުން ބެއްލެވި ކަންތައްތަކާއެކު ދިވެހިރާއްޖޭގެ ހުށަހެޅުން މިކަމާގުޅޭ ގްލޯބަލް ވެރިފިކޭޝަން ކޮމިޓީއަށް ހުށަހެޅުނެވެ. ކަމާގުޅޭ ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭ ދުނިޔޭގެ ފެންވަރުގެ މި ގްލޯބަލް ކޮމިޓީއިން ރާއްޖޭގެ ރިޕޯޓާއި، ސަރަހައްދީ ކޮމިޓީން ބެއްލެވުމަށްފަހު، ރާއްޖެއިން މިލަނޑުދަނޑި ހާސިލް ކޮށްފިކަމަށް ނިންމީ މި އަހަރު އެވެ.

މިއަދު ސަޓިފިކޭޝަން ލިބުނު ނަމަވެސް މިހާރު ގާއިމް ކުރެވިފައިވާ ހިދުމަތްތައް މި ފެންވަރުގައި ދަމަހައްޓާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަށަވަރުކުރަމުން ގެންދާނެ ކަމަށް ހެލްތުން ބުނެ އެވެ.