ހަބަރު

"އެޗްއައިވީ ފެތުރޭ އާދަތައް ރާއްޖޭގައި އެބަހުރި"

ރާއްޖޭގައި ކޮށްފައިވާ އެސެސްމަންޓްތަކާއި ދިރާސާތަކުން އެޗްއައިވީ ފެތުރޭ ފަދަ އާދަތައް ފެންނަން އެބަހުރި ކަމަށް ހެލްތު މިިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ނަސީމް ދެއްވި ޚިތާބުގައި ވިދާޅުވީ އޭޑްސް އާ ދެކޮޅަށް ކުރާ މަސައްކަތްތައް އަގުވަޒަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން، ރާއްޖެއަކީ އެޗް.އައި.ވީ ޖެހޭ މީހުންގެ އަދަދު މަދު ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ފާހަގަ ކުރާ ކަމެވެ.

ނަސީމް ވިދާޅުވީ، ރާއްޖޭގައި ކުރެވިފައިވާ އެސެސްމަންޓްތަކާއި ދިރާސާތަކުން މި ބަލި ފެތުރިގެން ދިޔުމަށް މަގުފަހިވާ ފަދަ އާދަތައް ފެންނަން ހުރުމުން އެޗް.އައި.ވީ / އޭޑްސްއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި، ރާއްޖޭގައި މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވިސްނަންޖެހޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

އިތުރަށް ވިދާޅުވީ ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނުންނާއި މަދަނީ ޖަމްއިއްޔާ ތަކުންވެސް އެޗް.އައި.ވީ އަށް ޓެސްޓް ކުރުމުގެ ހިދުމަތް ދެމުން ދާއިރު ވީހާވެސް ގިނަ ބޭފުޅުން އެޗް.އައި.ވީ އަށް ޓެސްޓްކޮށް ބަލި ނެތްކަން ދެނެގަނެގެން ތިބުމަށް ކަމަށެވެ.

އޭޑްސްގެ ބަލިމީހުންނާ ދޭތެރޭ ދެކޭގޮތާއި ތަފާތުކުރުން މުޖުތަމައުން ނައްތާލާ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހެލްތު މިނިސްޓަރުގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހަކީ ދުނިޔޭގެ އޭޑްސް ދުވަހެވެ. މިއަހަރުގެ ދުވަހުގެ ޝިއާރަކީ "ގްލޯބަލް ސޮލިޑަޓަރީ، ޝެއާރޑް ރެސްޕޮންސިބިލިޓީ" އެވެ.