ހަބަރު

ޔާމީންގެ މަރު: ދެ މީހެއްގެ ހެކިބަސް ނަގައިފި

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދެ ފުލުހެއްގެ ހެކިބަސް ނަގައިފި އެވެ.

އެ މައްސަލަ ސާބިތު ކުރަން ދައުލަތުން 30 އަށްވުރެ ގިނަ ހެކިން ހުށަހަޅާފައިވާއިރު، މިއަދު ހެކިބަސް ނަގާފައި ވަނީ ސީން އަށް ދިޔަ ދެ ފުލުހެއްގެ އެވެ. އެ ދެފުލުހުން ވެސް ދައުލަތުން ހުށަހަޅާފައި ވަނީ ސީންއަށް އެންމެ ފުރަތަމަ ހާޒިރުވި މީހުންގެ ހައިސިއްޔަތުންނާއި، ސީން އޮތް ގޮތް ކިޔައި ދިނުމަށެވެ. އެ ދެ ހެކިވެރިންނަކީ ޔާމީން ހޮސްޕިޓަލަށް ގެންދިޔަ ފުލުހުންގެ ކާރު ދުއްވަން އިން މީހާ އާއި، އޭގައި އިން އޮފިސަރެކެވެ.

ހެކިބަސް އަދާ ކުރަމުން އަހުމަދު ނައުޝާދު މުހައްމަދު ބުނީ، އެ ސީނަށް ދިޔައީ މާފަންނު ބިސް ބުުރު ކައިރީ ހުރި ގެއެއްގެ ތެރޭގައި ވެއްޓިފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ކޮމާންޑް ސެންޓަރުން ލިބުމުން ކަމަށާއި އެޕްރީލް 23، 2017 ވީ ދުވަހުގެ ރޭ ދަންވަރު 2:55 އެހާކަންހާއިރު އެ މައުލޫމާތު ލިބުމުން ގޮސް ބެލި އިރު އެތަނުގައި އަލިކަމެއް ނެތް ކަމަށާއި، އެތަން އޮތީ ނިއްވާލާފައި ކަމަށެވެ.

ފޯނުގެ ޓޯޗު ދިއްލައިގެން އަލި ކުރި އިރު، ވަރަށް ބައިވަރު ލެޔާއެކު ލިފްޓް ކައިރީ ވެއްޓިފައި އޮތް މީހަކު ފެނުނު ކަމަށާއި، ތޫނު އެއްޗަކުން ހަމަލާދީފައިވާ ޒަހަމްތަކެއް ޔާމީންގެ ކަރާ ދިމާލުން ފެންނަން ހުރި ކަމަށެވެ.

ދެވަނަ ހެކިވެރިޔާ އަދި ކާރު ދުއްވަން އިން މުހައްމަދު އިގްބާލް ބުނީ، އެ މީހުންނަށް ކޮމާންޑްސެންޓަރުން މައުލުމާތު ލިބުމާ އެއްކޮށް، މިނެޓެއްހާއިރު ތެރޭ އެތަނަށް އެޓެންޑްވި ކަމަށެވެ. އަދި އެތަނަށް ދިޔަ އިރު އިތުރު ދެ މީހަކު އުޅުނު ކަމަށާއި، އެގޭތެރެ ބަލާ ފާސްކުރިކަން އެނގިފައިނުވި ނަމަވެސް އެ ސަރަހައްދު ފުލުހުން ބަލާފައިވާ ކަމަށެވެ.

ދިފާއުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ހެކިބަސް ދިން ދެ ފުލުހުން ވެސް ވަނީ އެމީހުންނަށްވުރެ ކުރިން އިތުރު ބީޓެއް (ދެ ފުލުހެއް) އެތަނުގައި ހަރަކާތްތެރިވެފައިވާ ކަމަށާއި، އެ ދެމީހުން ވެސް ޔާމީންގެ ގައިގައި ވިންދު ހުރިތޯއާއި، ސީން އޮތްގޮތް ބަލާފައި ނުވާ ކަމަށެވެ. އެ ދެމީހުންވެސް ބުނީ އެމީހުން އަވަސް ވެގަތީ ޔާމީން ހޮސްޕިޓަލަށް ގެންދިއުމަށް ކަމަށެވެ.

ހެކިބަސްދިން ދެ ފުލުހުންވެސް ވަނީ އެފަދަ ހާލަތްތަކުގައި ފުލުހުންގެ ތެރޭގައި އަމަލު ކުރަން ހާއްސަ ސްޓޭންޑެޑް އޮޕަރޭޝަންސް ޕްރޮސީޖާއެއް އޮންނަ ކަން އެނގިފައި ނުވާ ކަމަށާއި، އެކަމުގައި އަމަލު ކޮށްފައި ވަނީ އާންމުކޮށް އަމަލު ކުރާ އުސޫލުން ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް ހެކިބަސް ދިނުމަށް އިތުރު ދެ މީހަކު ހާޒިރު ކުރަން އޮތް ނަމަވެސް، ރަށުން ބޭރުގައި ތިބުމުގެ ސަބަބުން އެދެމީހުން ހާޒިރު ކުރެވިފައެއް ނުވެއެވެ. މި މައްސަލައިގެ އަޑުއެހުންތައް ޝެޑިއުލްކޮށްގެން ކުރިޔަށް ގެންދާއިރު، ދެން އޮންނަ އަޑުއެހުން އޮންނާނީ މިމަހުގެ 22 ވާ ދުވަހު އެވެ. އެދުވަހު މިއަދު ހާޒިރު ނުކުރެވުނު ދެ މީހުންނާނާއި، ސިއްރު ހަތަރު ހެއްކެއްގެ ހެކިބަސް ނަގަން މަސައްކަތް ކުރާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.