މިދިޔަ އަހަރު ރިލީޒް ކުރި "ދިލްބަރު" ލަވަ އަށް ފަހު ނޯރާ ފަތޭހީގެ އަޑު ބޮލީވުޑްގައި ވަނީ ގަދަކޮށްލާފަ އެވެ. އެ ލަވައަށްފަހު އިތުރު ލަވަ އެއްގެ އިންތިޒާރުގައި ތިއްބާ ނޯރާ ދެންވެސް ދައްކާލީ ރީމޭކް އަކުންނެވެ.
ނޯރާގެ އާ ލަވަ އިއްޔެ ނެރެފައި ވާއިރު އެ ލަވަ އަކީ، 2004 ވަނަ އަހަރު ނެރުނު ފިލްމު "މުސާފިރް"ގައި ހިމެނޭ "އޯ ސާކީ ސާކީ"ގެ ރީމޭކް އެކެވެ. ލަވަ ރިލީޒް ކުރިތާ އެއްދުވަސް ނުވަނީސް މިހާރު ވަނީ 15 މިލިއަނަށް ވުރެ ގިނަ ވިއުސް މި ލަވަ އަށް ލިބިފަ އެވެ.
މި ލަވަ އަކީ ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމު "ބަޓްލާ ހައުސް"ގެ ތީމް ލަވަ އެވެ. މި ލަވަވެސް އުފައްދާފައި ވަނީ ނޯރާ މަޝްހޫރުވި "ދިލްބަރް"ގެ ޓީމުންނެވެ. ލަވަ ކިޔާފައިވަނީ ނޭހާ ކައްކަރް އާއެކު ތުލްސީ ކުމާރު އެވެ.
ސަންޖޭ ދަތު އެކްޓުކުރި ފިލްމު މުސާފިރްގެ ލަވަ އަށް ރީމޭކް އެއް ހަދާފައިވާއިރު މި ލަވައިގައިވެސް ނޯރާ ވަނީ އޭނާގެ ބެލީ ޑާންސިން ހުނަރު ދައްކާލާފަ އެވެ. މި ލަވަ އަށް ކުޑަ ވަގުތުކޮޅެއް ތެރޭ ލިބެމުން އައި ތަރުހީބާ އެކު "ދިލްބަރު" ލަވަ ފަދައިން ޗާޓުތަކުން ރަސްކަން ކުރާނެ ކަމަށް ބެލެވެ އެވެ.
މި ލަވައާ ބެހޭ ގޮތުން ފިލްމްފެއާ އަަށް ދީފައިވާ އިންޓަވިއުއެއްގައި ނޯރާ ބުނީ، މި ކަހަލަ ލަވަ އެއް ކުޅެން ލިބުމަކީ ހުވަފެނެއް ކަމަށެވެ. އަދި ލަވައިގައި ބޭނުންކުރާ ފަޔާ ފޭންސް އާ ކުޅެން ދަސްކުރީ އެންމެ ތިން ދުވަހުން ކަމަށެވެ. އަދި އަލިފާނާ ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެއާއެކު (ފަޔާ ފޭންސް) ހިފައިގެން ނެށުމަކީ އަދި ބިިރުވެރި ކަމެއް ކަމަށް ފާހަގަ ކުރި އެވެ.
އެހެންނަމަވެސް، އެކަން ކުރީ ނެށުމުގެ ތެރެއިން އާ ކަމެއް ދައްކާލަން ކަމަށް ނޯރާ ބުނި ކަމަށް ފިލްމްފެއާ ގައި ރިޕޯޓުކޮށްފައި ވެ އެވެ.
މި ލަވައިގެ އިތުރުން ފިލްމުގައިވެސް ނޯރާގެ އެކްޓިން ޖޯންއާއެކު ފެންނާނެ އެވެ. "ބަޓްލާ ހައުސް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އޮގަސްޓް 15ގަ އެވެ.