ހޮލީވުޑް

އެލްވިސްގެ ރޯލަށް އޯސްޓިން

"ކިންގް އޮފް ރޮކް އެންޑް ރޯލް" ގެ ގޮތުގައި މަޝްހޫރުވި ލަވަކިޔުންތެރިޔާ އެލްވިސް ޕްރެސްލީ ގެ ބަޔޯޕިކްއެއް ހަދަން އިއުލާން ކުރުމާއެކު އެލްވިސްގެ މަގާމަށް ހޮވާނެ ތަރިއަކީ ކާކުކަމާމެދު ވަނީ ބަހުސްތަކެއް ކޮށްފަ އެވެ. ބާޒް ލާމަންގެ މި ފިލްމުގައި އެލްވިސްގެ ރޯލު އެންމެ ފަހުން ދީފައި ވަނީ އޯސްޓިން ބަޓްލާ އަށެވެ.

މި ފިލްމުގެ މަސައްކަތް ފެށުމަށް އަހަރުތަކެއް ވެފައި ވާއިރު ޕްރޮޑިއުސަރު ބުނަނީ، ފިލްމުގައި ރަނގަޅު އެލްވިސް އެއް ނުދެއްކިއްޖެ ނަމަ ފިލްމު ބޭކާރު ވާނެ ކަމަށެވެ.

"މި ފިލްމު ރަނގަޅަށް ނުހެދޭނެ ކަން އެނގޭ ކާސްޓިން ރަނގަޅު ނުވެއްޖިއްޔާ. އެލްވިސްގެ ކެރެކްޓާ ދެއްކޭނެ ފެންވަރުގެ ތަރި އެއް ހޯދަން ވަރަށް މަސައްކަތް ކުރިންް. އަދި ވަރަށް ގިނަ ސްކްރީން ޓެސްޓުތަކާއި ވޯކްޝޮޕްތަކަށް ފަހު އޯސްޓިން މި ރޯލަށް ހަމަ ޖެއްސީ" ހޮލީވުޑް ރިޕޯޓާ އަށް ދިން އިންޓަވިއުގައި ޕްރޮޑިއުސަރު ބުންޏެވެ.

މި ފިލްމުގައި ދެވަނަ އަށް ބޮޑު ރޯލަކުން ޖާގަ ޔަގީންކޮށްފައި ވަނީ ޓޮމް ހޭންކްސް އެވެ. ޓޮމްއަށް ދީފައިވަނީ އެލްވިސްގެ ދިރިއުޅުމާއި ކެރިއަރު ބެލެހެއްޓި މެނޭޖަރު ޓޮމް ޕާކާގެ ރޯލެވެ. ފިލްމުގައި މި ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ދައްކުވާނެ ކަމަށް ބުނެ އެވެ.

އެލްވިސްގެ ބަަޔޯޕިކް އުފައްދާނެ ކަމަށް އިއުލާން ކުރީ މިދިޔަ އަހަރު އެވެ. މި ފިލްމު ވެސް އުފައްދާނީ އެންމެ ފަހުން ރިލީޒްކުރި ފްރެޑީ މާކަރީގެ ބަޔޯޕިކް "ބޮހީމިއަން ރެޕްސޮޑީ" ގެ ޖޯންރާ އަށެވެ. "ބޮހީމިއަން ރެޕްސޮޑީ" އަކީ، މިދިޔަ އަހަރު ރިލީޒް ކުރި އެންމެ މަގުބޫލު އެއް ފިލްމެވެ. މި ފިލްމު ވަނީ އޮސްކާގައިި ވެސް ގިނަ ވަނަތަކެއް ހޯދާފަ އެވެ.

މި ފިލްމުގެ ސްކްރިޕްޓް ލިޔާ ގޮތަށް ހަމަޖެހިފައިވަނީ ފިލްމުގެ ޕްރޮޑިއުސަރެވެ. އެގޮތުން، އެލްވިސްގެ ކާމިޔާބުގެ ކުރީގެ ވާހަކަތަކާއި 35 އަހަރަށްފަހު އޭނާގެ ދިރިއުޅުން އޮތް ގޮތް ބުނެދޭނެ އެވެ.