ކޭތަ

މިރޭގެ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ

ރާއްޖެއަށް ފެންނާނެ ހެން ހަނދުކޭތައެއް މިރޭ ހިފާނެ އެވެ. މިރޭ ހިފާ ހަނދުކޭތައަކީ ވެސް މިދިޔަ އަހަރު ހިފި ކަހަލަ ބްލަޑް މޫން ހަނދުކޭތަ އެކެވެ.

ރާއްޖެއަށް މި ހަނދުކޭތަ ފެންނާނެ ކަމަށް ބެލެވެނީ މިރޭ ރާއްޖޭ ގަޑީން 11:43 ގަ އެވެ. މިރޭގެ ހަނދުކޭތަ ފަސް ގަޑިއިރާއި 34 މިނެޓަށް ދިގު ދެމިގެންދާނެ އެވެ. ކޭތަ ވީއްލާނީ ފަތިހު 5:17 ގަ އެވެ. މި ކޭތައިގައި ހަނދުގެ ދެބައިކުޅަ އެއްބައި ކަޅުވާނެ އެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 2:30 ގަ އެވެ.

މިރޭ ހަނދުކޭތައެއް ހިފާއިރު ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖެ މަތީގައި ބޯ ވިލާ ފެތުރިފައި އޮންނާނެ އެވެ. ނަމަވެސް މިރޭގެ ހަނދުކޭތަ ނުފެންނަ ވަރެއް ނުވާނެ އެވެ.

މިރޭ ހިފާ ކޭތަ ރާއްޖޭގެ އިތުރުން އޭޝިއާގެ އެހެން ބައެއް ގައުމުތަކަށާއި ޔޫރަޕްގެ ބައެއް ހިސާބުތަކާއި އެފްރިކާ ބައްރާއި އޮސްޓްރޭލިއާއަށް ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަނދު ކޭތަ ހިފަނީ ދުނިޔެ އޯބިޓް ކުރުމުގެ ތެރޭގައި ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން، ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެނެވެ. ރާއްޖެއަށް ދެން ހަނދުކޭތައެއް ހިފާނީ އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ ކޭތަ ހިފާނީ ވަރަށް ކުޑަކޮށެވެ.