ހަބަރު

ރައީސް ޔާމީންގެ ޝަރީއަތް އާދީއްތާގައި

Jul 16, 2019
3

އަންނަ އާދިއްތަ ދުވަހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފި އެވެ. އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑާ ކުރުމުގެ ދައުވާ އެވެ. އަޑުއެހުން ތާވަލުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ 11:30 އަށެވެ.

މިދިޔަ ބުރާސްފަތި ދުވަހަށް ވެސް ޔާމީންގެ އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް އިދާރީ ބައެއް ކަންކަން ހަމަނުޖެހި އޮތުމުން އެ ދުވަހު އަޑުއެހުން ކުރިއަށް ނުގެންދެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

އެ ދަވަހު ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވައި، ހެކިން ވެސް ހުށަހަޅާފަ އެވެ. އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި އެމަނިކުފާނުގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހުމަދު އަދީބާއި މޫސާ ޒަމީރު ހިމެނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ވަނީ ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކޮރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޖަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.

ދައުލަތުން ބުނި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ. އެހެންވެ، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށް އޭނާ ފާހަގަކުރި އެވެ. އެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.