ހަބަރު

"ދަ ރައިޓް ސައިޑް އޮފް ލައިފް ސާވޭ" ފަށައިފި

"ދަ ރައިޓް ސައިޑް އޮފް ލައިފް ސާވޭ" ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިތުރުން ޔޫއެންޑީޕީ ގުޅިގެން ސާވޭއެއް ފަށައިފި އެވެ.

އެޗްއާރުސީއެމް އިން ބުނީ ރާއްޖޭގައި އިންސާނީ ހައްގުތަކާމެދު މީހުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށާއި، އެ ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީހުނަށް މައުލޫމާތު ލިބިފައިވާ މިންވަރު ދެނެގަތުމަށާއި ގެވެށި އަނިޔާގެ މައުލޫމާތު ހުރި މިންވަރު ދެނެގަތުމަށް ސާވޭއެއް ފަށާފައިވާ ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް "ދަ ރައިޓް ސައިޑް އޮފް ލައިފް ސާވޭ" ގެ ނަމުގައި ކުރާ އެ ސާވޭ ކުރިޔަށް ގެންދަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެޕްޕީއޭ) އާއި ޔޫއެންޑީޕީ ގުޅިގެނެވެ. ސާވޭ ކުރުމަށްޓަކައި މާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށަށް ޒިޔާރާތްކުރާނެ އެވެ.

ސާވޭ ކުރިޔަށް ގެންދަނީ އަމިއްލަ ކޮންސަލްޓަންސީ ފާމް އެއްކަމަށްވާ ރިޔަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެނެވެ. މައުލޫމާތު ހޯދަން ގޭގެއަށް ޒިޔާރާތްކުރާއިރު އެ ކޮމިޝަނުގެ ދިރާސާއެއްކަން އަންގައިދޭ ލިޔުމެއްގެ އިތުރުން ކޮން ބައެއްކަން އަންގައިދޭ ކާޑެއްވެސް އެ ފަރާތްތައް ބޭނުންކުރާނެ އެވެ.