ބޮލީވުޑް

ނަވާޒުއްދީންގެ ރެޕް ލަވައެއް!

ހުނަރުވެރި ބަތަލު ނަވާޒުއްދީން ސިއްދީގާއި ތަމަންނާ ބާޓިއާ އެކުގައި ކުޅޭ ފިލްމު "ބޯލެ ޗޫޅިޔާން" އަށް ނަވާޒުއްދީންގެ އަޑުން ރެޕް ލަވަ އެއް ރެކޯޑުކޮށްފި އެވެ.

މި ފިލްމުގެ ޝޫޓިން މި މަހު 25 ގައި ރާޖަސްތާނުގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމަކީ ނަވާޒުއްދީންގެ ކޮއްކޮ ޝަމަސް ނަވާބް ސިއްދީގީ ޑައިރެކްޓް ކުރާ ލޯބީގެ ފިލްމެކެވެ.

ލަވައިގެ ޓީޒާއެއް ނަވާޒުއްދީން ވަނީ ޓްވިޓާގައި ދޫކޮށްލާފަ އެވެ. އާއްމުކޮށް ނުފެންނަ ކަހަލަ ގޮތަކަށް މި ލަވައިގެ ޓީޒާއިން ނަވާޒުއްދީން ފެނުމުން ގިނަ ބަޔަކު ވަނީ މި ފިލްމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ. ނަވާޒުއްދީން މަޝްހޫރުވެފައި ވަނީ ނުބައި ރޯލު ތަކާއި ސީރިއަސް ރޯލުތަކަށެވެ.

"ސްވިގީ ޗޫޅިޔާ" ގެ ނަން ދީފައިވާ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ސަނީ އާއި އިންދަރު ބަވްރާ އެވެ. ޅެން ތައްޔާރުކޮށްފަައި ވަނީ ކުމާރު އެވެ. ލަވައިގެ ރެކޯޑިންގެ ތެރެއިން ކުރު ވީޑިއޯއެއްވެސް ވަނީ ހިއްސާކޮށްފަ އެެވެ.

ފިލްމުގައި ނަވާޒުއްދީން އާއި ތަމަންނާގެ އިތުރުން ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްވެސް މުހިއްމު ރޯލަކުން ފެންނާނެ އެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ ރާޖޭޝް އާއި ކިރަން ބާޓިއާ އެވެ.