ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މިއަދު ނ.ހޮޅުދޫ އަށް ބޯކޮށް ވާރޭވެހި ބައެއް ގެ ތަކަށް ފެން ވަދެއްޖެ އެވެ.
ހޮޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު ވިދާޅުވީ ރަށުގައި 2 ފޫޓަށް ފެންބޮޑުވި ކަމަށާއި ހަ ވަރަކަށް ގެއަށް ފެން ވަދެފަވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެރަށުގައި ހެދުނު ފެންގަނޑުގެ ބޮޑު ބައެއް ހިންދިފަވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ، މިއަދު މެންދުރު 12:15 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަ ވާނެ ކަމަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.