ޒަކިއްޔާގެ މަރުގެ

ޒަކިއްޔާގެ މަރު: ތަހުލީލުތަކަށްފަހު ހަށިގަނޑު ހޮޅުދޫއަށް

ނ. ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ މަނިކު (50އ) ގެ މަރުގެ މައްސަލައިގައި ފުލުހުން އޭނާގެ ހަށިގަނޑު ތަހުލީލު ކުރުމަށްފަހު އަނބުރާ ރަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނި ގޮތުގައި ޒަކިއްޔާގެ ހަށިގަނޑު އިތުރަށް ތަހުލީލުކުރުމަށްފަހު އަނބުރާ ހޮޅުދޫއަށް ގެންދިޔައީ މިއަދު ހެނދުނު އެވެ.

އޭނާގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހޮޅުދޫގެ ގެއެއްގައި ޒަހަމްތަކަކާއެކު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރު އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް މިމަހުގެ 10 ވަނަ ދުވަހު ހޮޅުދޫއަށް ދިޔަ އެވެ.

ޒަކިއްޔާ މަރުވި ގޮތެއް އަދި ސާފުވެފައި ނުވާއިރު އޭނާގެ ހަށިގަނޑު ފެނުނުއިރު އެތަނުގައި ވަޅިއެއް އޮތް ކަމަށް އެ ރަށުން އަވަސްއާ ވާހަކަދެއްކި ބައެއް މީހުން ބުނެފައިވެ އެވެ.

ޒަކިއްޔާ އަކީ ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް އެކަމުގައި ހޮޅުދޫ އެކި މީހުންގެ ވާހަކަ ހުރީ އެކި ގޮތަށެވެ. އެއް ބަޔަކު ބުނީ ޒަކިއްޔާ ނަފްސާނީ ބަލި ތަހައްމަލް ކުރާކަން ނޭނގޭ ކަމަށާއި އޭނާއަކީ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މީހެއް ކަމަށެވެ.

ޒަކިއްޔާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށް ކަމަށް އެނގިފައިވެ އެވެ.

ޒަކިއްޔާ އަކީ މިދިޔަ އަހަރު އުމުރާގެ އަޅުކަން އަދާކޮށްފައިވާ ތަނަވަސް އާއިލާއެއްގެ މީހެއް ކަމަށް ހޮޅުދޫ މީހުން ބުނެ އެވެ.

ޒަކިއްޔާ މަރުވިއިރު ފިރިއަކާއި ދެ ކުދިންނާއި މާމަ ދަރިއަކު ހުރެ އެވެ. ޒަކިއްޔާއާ އެކު އެއް ގެއެއްގައި އެއް ދަރިއަކު ދިރިއުޅެ އެވެ.