ޒަކިއްޔާގެ މަރުގެ

ޒަކިއްޔާގެ މަރު: ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް

ނ. ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ މަނިކު (50އ) މަރުވި މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ޓީމެއް އެ ރަށަށް ފުރައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ހޮޅުދޫގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު އޮތް ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 10:10 ހާއިރުއެވެ.

ޒަކިއްޔާގެ މަރުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސް އޭނާގެ ހަށިގަނޑު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި އޭރުވެސް އޭނާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ހޮޅުދޫގައި މިވަގުތުވެސް ފުލުހުންގެ ފޮރެންސިކް ޓީމަކާއި އެ ރަށުގައި ތިބި ފުލުހުން ޒަކިއްޔާގެ މަރުގެ ތަހުގީގު ކުރިއަށް އެބަގެންދެ އެވެ.

ޒަކިއްޔާ މަރުވި ގޮތެއް އަދި ސާފުވެފައި ނުވާއިރު އޭނާގެ ހަށިގަނޑު ފެނުނުއިރު އެތަނުގައި ވަޅިއެއް އޮތް ކަމަށް އެ ރަށުން އަވަސްއާ ވާހަކަދެއްކި ބައެއް މީހުން ބުނެފައިވެ އެވެ.

ޒަކިއްޔާ އަކީ ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް އެކަމުގައި ހޮޅުދޫ އެކި މީހުންގެ ވާހަކަ ހުރީ އެކި ގޮތަށެވެ. އެއް ބަޔަކު ބުނީ ޒަކިއްޔާ ނަފްސާނީ ބަލި ތަހައްމަލް ކުރާކަން ނޭނގޭ ކަމަށާއި އޭނާއަކީ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މީހެއް ކަމަށެވެ.

ޒަކިއްޔާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށް ކަމަށް އެނގިފައިވެ އެވެ.

ޒަކިއްޔާ އަކީ މިދިޔަ އަހަރު އުމުރާގެ އަޅުކަން އަދާކޮށްފައިވާ ތަނަވަސް އާއިލާއެއްގެ މީހެއް ކަމަށް ހޮޅުދޫ މީހުން ބުނެ އެވެ.

ޒަކިއްޔާ މަރުވިއިރު ފިރިއަކާއި ދެ ކުދިންނާއި މަމަ ދަރިއަކު ހުރެ އެވެ. ޒަކިއްޔާއާ އެކު އެއް ގެއެއްގައި އެއް ދަރިއަކު ދިރިއުޅެ އެވެ.