މާދަަމާ ރަސްމީކޮށް ރިލީޒް ކުރާ "ދަ ލަޔަން ކިންގް" މިހާރު ވަނީ ކްރިޓިކުންނަށް ދައްކާފަ އެވެ.
ފިލްމު ބެލި ގިނަ ކްރިޓިކުން މި ފިލްމާމެދު ލިޔެފައި ހުރި ކޮމެންޓުތަކާއި ކުރު ރިވިއުތަކަށް ބަލާއިރު ކްރިޓިކުންގެ މެދުގައި މާ ބޮޑު ތަރުހީބެއް ނެތް ކަމަށް ބެލެވެ އެވެ. ތަފާތު ރިވިއުތަކެއް އައި އިރު ގިނަ ބަޔަކު ބުނެފަައި ވަނީ ބޮޑުތަަނުން ގޯސް ނޫން ކަމަށެވެ. ނަމަވެސް އުއްމީދު ކުރި ވަރު ނުވާ ކަމަށެވެ.
"ދަ ގާޑިއަން" އިން މި ފިލްމު ބެލުމަށްފަހު ބުނެފައި ވަނީ މިއީ ބަލާލެވޭނެ ފިލްމެއް ކަމަށެވެ. އަސްލު ކާޓޫނާ އެއްގޮތް ކަމަށާއި އެގޮތުން މި ފިލްމު މިއީ ހިތް ހަމަޖެހިލައިގެން ބަލާލަން ރަނގަޅު ފިލްމެއް ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ފުރަތަމަ އަތުން ކުރަހާފައި ނެރުނު ކާޓޫނުގައި ހުރި ރީތި އާދައިގެ ގޮތް ފިލްމުގައި ނެތް ކަމަށް ބުނެފައި ވެއެވެ.
ފިލްމު ރިިވިއު ކުރާ "ރޮޓެން ޓޮމާޓޯސް" އިން މި ފިލްމަށް ވަނީ ވަރުގަދަ ބަހެއް ބުނެލާފަ އެވެ. "ރޮޓެން ޓޮމާޓޯސް" އިން ބުނި ގޮތުގައި މި ފިލްމުގެ ވިޝުއަލް އެފެކްޓްސްގެ މޮޅު ކަމަށް ފޮނި ވެވުނު ކަމުގައި ވިޔަސް އަސްލު ކާޓޫނު އުފެއްދި މީހުން އެ އުފެއްދުމަށް ދިން ލޯތްބެއް ފިލްމު ހެދުމުގައި ބޭނުންކޮށްފައެއް ނެތެވެ. އަަދި ކާޓޫނުގައި ހުރި އެނާޖީ ފިލްމުގައި ނުދެއްކުނު ކަމަށް އެތަނުން ރިވިއު ކޮށްފައި ވެއެވެ. އެ ވެބްސައިޓުން މި ފިލްމަށް ދީފައި ވަނީ 57 ޕަސެންޓުގެ ރޭޓިން އެކެވެ.
"މެޓަ ކްރިޓިކް" ވެބްސައިޓުން މި ފިލްމަކީ އެވްރެޖް ފިލްމެއްގެ ގޮތުގައި ބުނެ ދީފައިވަނީ 55 ޕަސެންޓުގެ ރޭޓިން އެކެވެ.
ބަޒްފީޑުގެ ރިޕޯޓަރެއް މި ފިލްމު ބެލުމަށްފަހު ބުނީ ފިލްމުގައި ދައްކުވައި ދިން ކެރެކްޓާތައް ފޮޓޯ ރިއަލިސްޓިކް ކުރުމުގެ ސަބަބުން އޭގެ އަސްލު ގެއްލި އިމޯޝަންސް ނުދެއްކޭ ކަމަށެވެ. އަދި އެންމެ މުހިއްމު ސީންތަކުގެ ފޯރި ނެތް ކަމަށް ބުނެ މިސާލު ދީފައިވަނީ މުފާސާ މަރުވާ ސީން އަށެވެ. މުޅި އެ ސީން އަކީ ކާޓޫނުގައި ވެސް ނޭވާ ހިފަހައްޓާލަން ޖެހޭ ތަންކޮޅަކަށް ވިޔަސް ފިލްމުގައި އެ މަންޒަރު ސިފަވީ ސްޓަންޓެއް ހެން ކަަމަށް ބަޒްފީޑްގެ ރިޕޯޓަރު އެ ނޫހަށް ބުނެފައި ވެ އެވެ.
ކުރިން 1994 ގައި ނެރުނު "ދަ ލަޔަން ކިންގް" ކާޓޫނުގެ ރިއަލް ލައިފް ފިލްމަށް ތަފާތު ހިޔާލުތައް އައި ކަމުުގައި ވިޔަސް މި ފިލްމަަކީ ވިޝުއަލް މާސްޓާޕީސް އެއް ކަމަށް ގިނަ ކްރިޓިކުން ބުނެ އެެވެ. ފިލްމުގެ ބައެއް ކެރެކްޓާތައް، ޓިމޮން، ޕުމްބާ، ޒާޒޫ އަދި ނާލާ ގެނެސްދީފައި ވަނީ ވަރުގަދަ އަށެވެ.
ޑިޒްނީ އިން މި ފަހުން އުފައްދާ ރީމޭކް ތަކަށް ބަލާއިރު އެންމެ ބޮޑު ފާޑުކިޔުމެއް ކްރިޓިކުންގެ ފަަރާތުން އައި ފިލްމަކީ މި ފިލްމެވެ. ރަސްމީކޮށް ޕްރިމިއާ ކުރުމުން އާއްމުންގެ މެދުގައި ފިލްމާމެދު ހުރި ހިޔާލުތައް ވެސް ބަންޑުންވާނެ އެވެ.