ބޮލީވުޑް

ރިތިކް އާއި ޓައިގާގެ ކުރިމަތިލުމެއް!

ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ފެންނަ އާ ފިލްމުގެ ނަމަކީ "ވޯ" ކަން ހާމަކޮށް ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މިދިޔަ އަހަރުން ފަށައިގެން މި ފިލްމުގެ މަސައްކަތުގައި މި ދެ ތަރިން ވެސް ދަަނީ އުޅެމުންނެވެ. ނަމަވެސް ފިލްމުގެ ޓީމުންނާއި ދެ ތަރިންގެ ފަރާތުން ވެސް މި ފިލްމާބެހޭ މާ ބޮޑު މައުލޫމާތެއް ހާމަ ނުކޮށް މިކަން އޮތީ ސިއްރުކޮށްފަ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ މި ފިލްމުގެ ޓީޒާ ނެރެމުން ޖަހާފައިވަނީ "ޓޫ ހީރޯސް، ވަން ވޯ" އެވެ. އަހަރުގެ އެކްޝަން ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު ދޭއްގަ އެވެ.
ޓީޒާ ޓްރެއިލާގައި ވެސް ވަނީ ދެ ތަރިންގެ ވަރުގަދަކަން ދައްކާލާފަ އެވެ. ތަޅާފޮޅުމާއި ހަނގުރާމައިގެ ބަޑި ޖެހުމާއި ސްޓަންޓުތަކުގެ ފުލް ޕެކޭޖެއް ގޮތުގައި ޓީޒާ ފެނެ އެވެ.

މިއީ އާކްޓިކް ސާކަލްގައި ޝޫޓު ކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ. ޓީޒާގައި ފެންނަ ކާރު ސީން އަކީ ފިންލެންޑުގައި ނަގާފައިވާ މަންޒަރެއްކަން ފިލްމުގެ ޑިރެކްޓަރު ސިދާތު އަނަންދު ބުނެފައިވެ އެވެ.

"އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް ބޭނުންވީ ހިންދީ ސިނަމާ ނުދެކޭ ވަރުގެ ފިލްމެއް ގެންނަން. ފިލްމުގެ އެންމެ ވަރުގަދަ ކާރު ސީން ސްޓަންޓު އެއްކޮށް ނަގާފައިވަނީ އައިސް މަތީގައި. އެއީ ފިންލަންޑުގައި. އަދި އެ މަންޒަރު ނަގަމުން ދިޔަ އިރު އެނގުނީ އެކްޝަން ފިލްމެއްގެ މަންޒަރެއް އާކްޓިކް ސާކަލްގައި ނަގާ މިއީ ފުރަތަމަ ފަހަރުކަން" ޑިރެކްޓަރު ބުންޏެވެ.

ރިތިކް އާއި ޓައިގާ މި ފިލްމުގައި ވަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ސްޓަންޓުތަކެއް ވެސް ޖައްސާފައި ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ. އެހެން ނަމަވެސް، ކިތަންމެ ރިސްކީ ވިޔަސް ބަލާލަން ރީތި ކަމުން މި މަންޒަރުތައް ނެގީ ކަމަށް ބުންޏެވެ.

ލީޑުން ފެންނަ މި ދެ ތަރިންގެ އިތުރުން މި ފިލްމުގައި މުހިއްމު ރޯލަކުން ވާނީ ކަޕޫރުވެސް ފެންނާނެ އެވެ. މިއީ ރިތިކް އާއި ޓައިގާ އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ.