ހަބަރު

މިލަންދޫ ސްކޫލްގެ ސީލިންގުން ބައެއް ވެއްޓިއްޖެ

މިއަދު ހެނދުނު ކުރި ވިއްސާރާގައި ށ. މިލަންދޫ ސްކޫލްގެ ކްލާސް ރޫމްތަކުގެ ސީލުންގުން ބައެއް ވެއްޓިއްޖެ އެވެ.

މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު އެ ރަށަށް ކުރި ވިއްސާރާގައި ސްކޫލްގެ ތިން ކްލާސް ރޫމެއްގެ ސީލިންގުގެ ބައިތައް ވަނީ ވެއްޓިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކަން ހިނގީ ކްލާސް ރޫމްތަކުގައި ކުދިން ވެސް ތިއްބަ އެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް އަނިޔާ ވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ބައެއް ކްލާސް ރޫމްތަކަށާއި ސްކޫލްގެ އާ އިމާރާތުގައި ހުންނަ ލެބޯރެޓަރީއާއި ކޮމްޕިއުޓާ ލެބާއި ލައިބްރަރީއަށް ވެސް ފެން ވަދެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެހެންކަމުން ހެނދުނު އިންޓަވަލްގެ ފަހުން ސްކޫލްގެ ކިޔެވުން ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އިމާރާތް ހަދާފައިވަނީ ވަރަށް ފެންވަރު ދަށްކޮށް ކަމަށާއި މިހާރުން މިހާރަށް ސީލިންގު ބަދަލުކުރުން މުހިންމު ކަމަށެވެ.

މިދިޔަ އަހަރު ކިޔެވުން ފެށި މިލަންދޫ ސްކޫލްގެ އާ އިމާރާތަށް ސަރުކާރުން 57 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެ އިމާރާތުގައި 27 ކްލާސް ރޫމް ހުރެ އެވެ.