ހަބަރު

އިންޓަޕޯލް ޑޭޓާބޭސް އިމިގްރޭޝަނަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިންޓަޕޯލް ޑޭޓާބޭސްގެ އެކްސެސް މޯލްޑިވްސް އިމިގްރޭޝަނަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އެވެ. އަދި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ އޮފް މާލޭގެ ފަރާތުން ސޮއިކުރެއްވީ އެ ބިއުރޯގެ ހެޑް އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި މޯލްޑިވްސް އިމިގްރޭޝަން އަދި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުން ގާއިމު ކުރެވޭ ނިޒާމުގެ ސަބަބުން ދިވެހިރާއްޖެއަށް އެތެރެވާ މީހުންނާއި ތަކެއްޗާއި އުޅަނދުތައް ފާހަގަ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ ބޯޑާ ސެކިއުރިޓީ ވަރުގަދަވެގެން ދާނެ އެވެ.

އިންޓަޕޯލަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާއެވެ. އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ޖުމުލަ 194 ގައުމެއްގެ ފުލުހުންގެ އިދާރާ ބައިވެރިވެ އެވެ. އަދި އިންޓަޕޯލްގެ 194 ސެންޓްރަލް ބިއުރޯގެ ޑޭޓާބޭސްތައް ހުންނާނީ އެއް ވިއުގައަކުން ގުޅާލެވިފަ އެވެ.