ޒުވާނުން

ޒުވާނުން އާއިލީ މޯހިރުން ނެއްޓެން ސިޔާސީ ހުރަސް އޮވޭ!

"އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް މައިބަފައިންނާއި ބެލެނިވެރިންގެ މޯހިރަށް ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުންދޭ. ގައުމީ އާމްދަނީގައި ހިއްސާ ނުވާ ބަޔަކު އާބާދީގައި ތިބުމަކީ އިގްތިސޯދަށް ލޮޅުން އަރާނެ ކަމެއް،" މިއީ ދުނިޔޭގެ އާބާދީ ދުވަސް ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކަފުޅެކެވެ.

ރައީސްގެ އެ ކަންބޮޑުވުން އަމާޒުވަނީ ޒުވާނުންނަށެވެ. އެއީ ވަޒީފާއަށް ނުގޮސް މައިންބަފައިންގެ މޯހިރުގައި ޒުވާނުން އުޅޭ މައްސަލަ އެވެ. ގައުމީ ތަރައްގީއަށް ޒުވާނުންގެ ހިއްސާ ނުލިބޭ ނަމަ ގައުމުގެ އިގްތިސޯދަށް ލޮޅުން އަރަ އެވެ. ގައުމު ދެކެން ބޭނުންވާ ތަރައްގީއެއް ނުގެނެވެ އެވެ.

ރާއްޖޭގެ 40 ޕަސެންޓު ހިއްސާ ކުރަނީ ޒުވާނުންނެވެ. ރާއްޖޭގެ މުސްތަގުބަލު ބިނާ ކުރުމުގައި ޒުވާނުންގެ ހިއްސާ އިންތިހާއަށް ބޮޑެވެ. އުމްރާނީ ގޮތުުންނާއި އިގްތިސޯދީ ގޮތުން ގައުމަށް މަންފާ ހޯދައި ދިނުމުގައި ޒުވާނުން ކުރިއަށް ނުނިކުންނަހާ ހިނދަކު މި ކަންބޮޑުވުން އޮންްނާނެ އެވެ. އަހަރުތައް ފާއިތުވި ކަމުގައި ވިޔަސް މިކަމަށް ބަދަލެއް އަންނަން ނުކުޅެދިފައި އޮންނާނެ އެވެ.

ޒުވާނުން ގޯޅި ގޯޅީގަ އާއި ކަންމަތިތަކުގައި ގިނަވެފައި ތިބުމަކީ އަބަދުވެސް ދައްކާ ވާހަކަ އެކެވެ. އަދި ޒުވާނުންގެ ނައިޓް ލައިފް އިން އަރައި ނުގަނެވި ވަޒީފާއަށް ނުކުންނަން ފަސް ޖެހެނީ އެތައް ސަބަބެއް ވެސް އޮވެގެނެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން މި އަހަރު ވަނީ ރާއްޖޭގެ ޒުވާނުންނަށް ހާއްސަކޮށް ދިރާސާ އެއް ކޮށްފަ އެވެ. "ޔޫތު ވަލްނަރަބިލިޓީ އިން މޯލްޑިވްސް"ގެ ގޮތުގައި މި އަހަރު ފެބްރުއަރީ މަހު ނެރުނު މި ދިރާސާގެ ރިޕޯޓު ފޮތުގައި ވަނީ ރާއްޖޭގައި ޒުވާނުންގެ ހިއްސާ އޮތް މިންވަރާއި، ވަޒީފާގެ މައިދާނުގައި ހުރި ކަންބޮޑުވުންތަކާއި ކުރިމަގު ބައްޓަން ކުރުމުގައި ޒުވާނުންގެ ހުރި ވިސްނުންތައް ބުނެދީފަ އެވެ.

ޒުވާނުންގެ ޝަކުވާތަކާއި ކަންބޮޮޑުވުންތައް އަދި ކުރިމަގަށް ދެކޭ ހުވަފެންތައް އެއްކޮށް ދިރާސާ ކުރުމަށްފަހު ނެރުނު ރިޕޯޓުގައިވާ ކަންކަމަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ވޭތުވެދިޔަ ކުރު މުއްދަތުގައި ސިޔާސީ ނުފޫޒުގެ ސަބަބުން ޒުވާނުންގެ ދިރިއުޅުމަށް އައި ބަދަލެވެ.

ގޭތެރެއިން ފަށައިގެން ވަޒީފާގެ މާހައުލުގައި ވެސް ސިޔާސީ ކުލަވަރު ޖެހިފައިވާ މިންވަރު ޒުވާނުންގެ ޝުއޫރުތަކުގެ ގޮތުގައި ބަންޑުން ކޮށްލާފައި ވެއެވެ. އާއިލާތައް ރޫޅި ވަކި ސިޔާސީ ކުލައެއްގައި ހުރުމުން ނޫނީ ވަޒީފާ ނުލިބުމުގެ މައްސަލަ އާއި ވަޒީފާގެ އުއްމީދުގައި މާލެ އަންނަ އައުން މަދެއް ނުވެ އެވެ. އަދި އެއަށް ނިމުމެއް ނުފެންނަ ކަމެވެ. ރަށުގައި ހުރެގެން ވަޒީފާ ލިބޭނެ ކަމުގައި ބުނި ކަމުގައި ވިޔަސް އެއީ ދާއިމަށް ހުރި ހެޔޮ ބަދަލެއް ގޮތުގައި ނުފެންނަ ކަމަށް ޒުވާނުންގެ ހިޔާލުތަކާއި ވިސްނުންތަކާއެކު ވަނީ ހިއްސާ ކޮށްފައި ވެއެވެ.

ވަޒީފާގެ މާހައުލުގައި ސިޔާސީ ނުފޫޒު

ވަޒީފާއަށް ޒުވާނުން ނުނިކުންނަ ވާހަކަ ދައްކާއިރު މިކަމުގައި ޒުވާނުންގެ ބަސް ވެސް މުހިއްމެވެ. ދިރާސާގެ ނަތީޖާއަށް ބަލާއިރު ޒުވާނުންގެ ބޮޑު ޕަސެންޓެއް ބުނާ ގޮތުގައި ވަޒީފާ ލިބޭނީ ރަނގަޅު ކަނެކްޝަންތައް ހުރެގެނެވެ. އެއީ ސިޔާސީ ގޮތުން ވިޔަސް އެހެން ގޮތަކުން ވިޔަސް އެވެ. ޒުވާނުންގެ 67 ޕަސެންޓު މިކަމަށް އެއްބަސްވެ އެވެ. އަދި މި ކަނެކްޝަންތަކަށް ފަސްނުޖެހި ލިބުނު ތަނަކުން ވަޒީފާ ހޯދައިގެން ދިއުމުން ވެސް ދިމާވާ އުނދަގޫތައް މަދު ނޫން ކަމަށް ބުނެ އެވެ. ވަޒީފާގެ މައިދާނުގައި ދިމާވާ ފިއްތުންތަކުގެ ސަބަބުން ކިޔަވައިގެން ވަޒީފާއަށް ނުކުތަސް އެއީ އުނދަގޫ ކަމެއް ކަމަށް ދެކެ އެވެ.

ދިރާސާގެ ބައިވެރި އަކު ބުނެފައި ވެ އެެވެ:

"ޑިގްރީއެއް ހޯދުމުގެ ބޭނުމަކީ ކޮބާ؟ ރަނގަޅު ވަޒީފާ އެއް ނުލިބޭހާ ހިނދަކު!" އޭނާ އަދި ބުނެ އެވެ. "ވަކި ކޮޅަކަށް ވޯޓު ލައިގެން ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮވޭ، އަދި ޕާޓީން ބާއްވާ ރެލީތަކަށް ގޮސް ދިޔަކަން އަންގަން ފޮޓޯ ނަގާ ޓްވީޓުވެސް ކުރަން ޖެހޭ" ވަޒީފާގެ މާހައުލުގައި ހުރި ގޮންޖެހުންތަކާއެކު ބައިވެރިންގެ ހިޔާލުތައް ފޮތުގައި ހިއްސާ ކޮށްފައި ވެ އެވެ.

މި ހުރިހާ ކަމެއްގެ އެންމެ ބޮޑު އަސާސެއް ގޮތުގައި ޒުވާނުންގެ ބޮޑު ޕަސެންޓެއް ދެކެނީ ސިޔާސީ ނުފޫޒެވެ. ސިޔާސީ ނުފޫޒާއި ބާރުގެ ވަކިތައް ހިއްޕާލާފައި ހުރުމުގެ ސަބަބުން ކޮންމެ ތަނަކުން ކިޔަވައިގެން އައި ކަމުގައި ވިޔަސް މަސައްކަތް ކޮށް ރަނގަޅު ވަޒީފާ އެއް ހޯދާ ދިރިއުޅުން ކޮޅަށް ޖެހުމުގެ ވިސްނުން ޒުވާނުންގެ ކިބައިން ގެއްލިދާން އުޅޭ ކަމުގެ ނިޝާނެއް ދިރާސާގެ އެހީގައި ފެނެ އެވެ. ގާބިލިއްޔަތު ކަމާއި ކޮލިފިކޭޝަން އަށް ބެލުމުގެ ބަދަލުގައި ސިޔާސީ އިތުބާރު އޮތް މިންވަރަށް މާ ބޮޑަށް ބަލާކަން ފާަގަކޮށްފައި ވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށްފަހު، މަސައްކަތުގެ މައިދާނުގައި އެންމެ ބޮޑު ހިއްސާއެއް ރާއްޖޭގައި އޮތީ ސަރުކާރުގަ އެވެ. ގިނަ ރަށްރަށުގައި ދާއިމީ ވަޒީފާއެއްގެ ޓެގު އެޅުވޭނީ ސަރުކާރަށް ވަނީމަ އެވެ. ވަޒީފާ ލިބި ރިޓަޔަމަންޓާ ހަމައަށް އާމްދަނީ ލިބޭނެ ގޮތް އެހިސާބުން ޔަގީންވީ އެވެ.

ތައުލީމުގެ މުހިއްމުކަން ގެއްލެނީ ވަޒީފާ ނުލިބޭ ހިސާބުން

"ތައުލީމު ދިނުމުގައި އިސްކަން ދެނީ ސިލަބަސް އަށް. ކުދިންގެ އަހުލާގަށް ސަމާލުކަމެއް ނުދޭ!"
"މި ސިސްޓަމް އިން އުފައްދަނީ ވައިޓް ކޮލާ ޖޮބްސް. ކޮންމެ މީހަކީ ޑޮކްޓަރެއް ނޫނީ އާކިޓެކްޓެއް ނޫން"
"ހުރިހާ ކަމެއް ވަނީ ކޮމާޝަލައިޒް ކޮށްފަ. ކޮލެޖް އެޕްލިކޭޝަން އާއެކު ހިލޭ އުމްރާ ދަތުރެއް އެބަ ލިބޭ!" -- "ޔޫތު ވަލްނަރަބިލިޓީ އިން މޯލްޑިވްސް" ފޮތުގައިވާ ޒުވާނުންގެ ހިޔާލުތަކުގައި ބުނެފައި ވެ އެވެ.

މަތީ ތައުލީމަށް މާލޭގައި ކިޔެވުމަކީ އުނދަގޫ ކަމެއް ނޫނެވެ. އަތޮޅު ތަކުން ފެންނަނީ ތަފާތު މަންޒަރެކެވެ. ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެނީ ސްކޫލަކަށް ލިބިފައި ހުރި ވަސީލަތްތަކުގެ އެހީގަ އެވެ. އިތުރު ސަބްޖެކްޓުތަކަށް ފޯކަސް ނުކުރެވި ސްކޫލް މަރުހަލާ ނިމެނީ ވަޒީފާއަކަށް ކުރިމަތި ލާނެ ކަމުގެ ގާބިލިއްޔަތުކަމެއް ނޫނީ ދިރިއުޅުމަށް ކުރިމަތިލާނެ ގޮތް ދަަސްކޮށް ނުދެވި އެވެ.

އަތޮޅުތަކުގެ ތެރޭގެ ޒުވާނުންގެ ވާހަކަތަކުގައި މިކަން ފާހަގަކޮށް ބުނެފައިވާ ގޮތުގައި ސްކޫލްތަކުގައި ކިޔަވައި ދިނުމުގެ ދާއިރާތައް ހަނިވެ ބައެއް މާއްދާތައް ކިޔަވައި ނުދެވެނީ ހިންގާނެ ގޮތެއް ނެތުމުންނެވެ. ސްކޫލުގައި ސައިންސް މާއްދާ ކިޔަވައިދޭނެ ލެބޯޓްރީ އެއް ނުވަތަ އިކުއިޕްމަންޓުވެސް ނެތީ އެވެ. އެއާއެކު ސްކޫލުން ފޯރުކޮށްދޭން ޖެހޭ ކެރިއާ ގައިޑެންސް ފޯރުކޮށް ނުދެވުމުގެ ސަބަބުން ލިބުނު ތައުލީމާއެކު ވަޒީފާ ނުލިބި ދިރިއުޅުމަށްވެސް ފަސްޖެހޭ ކަން ވަނީ ޒުވާނުން ފާހަގަކޮށްފަ އެވެ.

މިއާއެކު ކިޔަވައިދިނުމުގައި ތަފާތު ކްރިއޭޓިވިޓީ އަދި ކްރިޓިކަލް ތިންކިންގެ ގޮތްތައް ބޭނުން ކުރުމުގެ ބަދަލުގައި ބާރުއަޅަނީ ޓެސްޓުން ލިބޭ ކާމިޔާބީ އަކީ އުމުރުދުވަހުގެ ކާމިޔާބު ކަމަށެވެ. ޒުވާނުން ފާހަގަކުރާ ފަދައިން ކޮންމެ ކުއްޖަކީ އާކިޓެކްޓެއް ނުވަތަ ޑޮކްޓަރަކަށް ވެވޭނެ ކުއްޖެއް ނޫންކަން ވިސްނައި ނުދެވުމުގެ އިތުރުން ވަޒީފާ ހޯދުމުގައި ޖިންސީ ތަފާތު ކުރުމަށްވެސް ބާރު އަޅާ ކަމަށް ބުނެ އެވެ.

ޝަކުވާތައް އިންތިހާއަށް

  • ފަތުރުވެރިކަމުގެ ދާއިރާގައި އިސްކަންދެނީ ބޭރު މީހުންނަށް
  • ރަށުފެންވަރުގައި ވެސް ކެރިއާ ގައިޑެންސެއް ދިނުން މުހިއްމު
  • ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ޖިންސީ ފުރައްސާރައިގެ މައްސަލަތައް ކުރިމަތިވޭ.
  • މީހަކާ އިނދެގެން އުޅޭ ކަމުގައި ވާނަމަ ވަޒީފާ ނުލިބުމުގެ ބިރު އޮވޭ
  • ވަޒީފާގެ ހައްގުތަަކާ ބެހޭ މައުލޫމާތު މުވައްޒަފުންނަކަށް ނޭނގޭ
  • ސީނިއާ މީހުންގެ ފަރާތުން އަލަށް ވަޒީފާއަށް ނިކުންނަ މީހުންނަށް ޓްރެއިނިން މުހިއްމު

ވަޒީފާ ހޯދުމާއި، ވަޒީފާގެ މާހައުލުގައި ޒުވާނުންނަށް މި ދިމާވާ ޝަަކުވާތަކަކީ އިއްޔެއަކު މިއަަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫނެވެ. ކޮންމެ ސަރުކާރެއް އަންނަނީ އާ ވަޒީފާތަކުގެ ތަޅުދަނޑި ހިފައިގެންނެވެ. ނަމަވެސް، ޒުވާނުންގެ މި ޝަކުވާތަކަށް ނިމުމެއް ނާދެ އެވެ. ސްކޫލުގައި ކިޔަވައިދޭ މުއްދަތުގައި ތަފާތު ކުރުމެއް ނެތި ރަނގަޅު ފެންވަރުގެ ތައުލީމެއް ދޭން ވީ އެވެ. ސްކޫލް ނިމުމަށްފަހު އެ ކުދިން ވާނެ އެއްޗެއް ވާން ދޫކޮށް ނުލާ ކެރިއާ ގައިޑެންސް ދޭންވީ އެވެ. އަދި ވަޒީފާގައި އޮންނަ ހަމަ ހަމަ ކަމާއި މުވައްޒަފުންގެ ހައްގުތައް ނަގަހައްޓައިގެން ނޫނީ މި ޝަކުވާތަކަށް ނިމުމެއް ނާންނާނެ އެވެ. އަދި، ވަޒީފާ ހޯދަން ބޭނުން ނުވަނީތޯ ނުވަތަ ނޫޅެނީތޯ އެހުމުން އިނގިލި ބިންދާފައި މި ސަބަބުތަކެއް ވެސް ނުދައްކާނެ އެވެ.