ހޮލީވުޑް

ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވެރިކް" ދަައްކާލައިފި

މީގެ 33 އަހަރު ކުރިން ރިލީޒްކުރި، ޓޮމް ކްރޫޒްގެ ކާމިޔާބު ފިލްމު "ޓޮޕް ގަން" ގެ ސީކުއެލް ގޮތުގައި ގެނެސްދޭ "ޓޮޕް ގަން: މެވެރިކް" ގެ ޓްރެއިލާ ރިލީޒް ކޮށްފި އެވެ.

ޓޮމް ކްރޫޒް ޕައިލެޓެއްގެ ރޯލުން ފެނިގެންދާ ފިލްމުގެ ފުރަތަމަ ބައި ނެރުނީ 1986 ގަ އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 350 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

ދެވަނަ ބައިގެ ޓްރެއިލާ ރިލީޒް ކޮށްފައިވާއިިރު ޔޫއެސް ނޭވީ ޖެޓް ފައިޓާ އެއްގެ ގޮތުގައި ޓޮމް ކްރޫސްގެ ތަފާތު އޭރިއަލް ޝޮޓުތަކެއް ފެނެ އެވެ. މި ފިލްމާ ބެހޭގޮތުން ޓޮމް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މުޅި މި ފިލްމަކީ "އޭވިއޭޝަން" ކަމަށެވެ. އަދި އެއީ އޭނާ ހަގީގަތުގައި ވެސް ކުޅެފައި ހުރި މަންޒަރުތަކެއް ކަމަށެވެ.

"ފިލްމުގެ ހުރިހާ މަންޒަރަކީ އަސްލު. ޖެޓުގައި އިނދެ ދުއްވާ ސީންތަކަކީ ހަމަ އަސްލު ސީންތަކެއް. އަހަރުމެން ފިލްމުގައި މަސައްކަތް ކުރީ ނޭވީއާއެކު ބޭނުންވީ އެއާކްރާފްޓު ތެރޭގެ އަސްލު ދައްކާލަން" ޓޮމްއާ ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައި ވެ އެވެ.

މި ފިލްމުގެ ފުރަތަމަ ބަޔަށްވެސް ވަނީ ސިނަމެޓޮގްރަފީން ވަނަތަކެއް ލިބިފަ އެވެ. އަދި މުޅި ފިލްމުގައި ދައްކުވައިދިން އެކްޝަން ސީންތަކަށް ތައުރީފު ކުރި އެވެ. ކާސްޓުންގެ ތެރޭގައި ފުރަތަމަ ބައިގައި ވެސް ފެނުނު ވަލް ކިލްމާ އޭނާ ކުރިން ވެސް ކުޅުނު ޓޮމް "އައިސްމަން" ކަޒަންސްކީގެ ކެރެކްޓާ އިން ފެންނާނެ އެވެ.

ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖޫން 26 ގަ އެވެ.