ހަބަރު

ސަރުކާރުން މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ

ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "އަވަސް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓެއް ކަމަށާއި އެ ބަޖެޓާއެކު މި ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި މަޝްރޫއުތައް ތަންފީޒު ކުރަން ދަތިތަކެއް ހުރި ކަމަށެވެ.

އެހެންކަމުން ވަރަށް އަވަހަށް ސަޕްލިމެންޓަރީ ބަޖެޓެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. ބަޖެޓު އެކުލަވާލުމުގެ މަސައްކަތް އަދި ނުނިމޭތީ ބަޖެޓުގެ ތަފުސީލުތަކެއް ނުދެއްވަ އެވެ. ނަމަވެސް ވިދާޅުވީ ބަޖެޓު އެކުލާވަލުމުގެ މަސައްކަތް ނިމުމުން ބަޖެޓުގެ ތަފުސީލުތައް މީޑިއާއަށް ހާމަކުރައްވާނެ ކަމަށެވެ.

"ސަޕްލިމެންޓަރީ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް އަދި ކުރިއަށް ދަނީ، ނަމަވެސް ބަޖެޓު އެކުލަވާލައި މަޖިލީހަށް ފޮނުވުމުގެ ކުރިން އޭގެ މައުލޫމާތުތައް ހާމަ ކުރާނަން، ބަޖެޓު ފޮނުވޭނެ ސީދާ ތާރީހެއް އަދި ދަންނަވަން އުނދަގޫ، ނަމަވެސް މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް މަޖިލީހަށް ބަޖެޓު ފޮނުވަން." އޮފިޝަލް ވިދާޅުވި އެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓި އެ ބަޖެޓަކީ ކުރީގެ ސަރުކާރުން އެކުލަވާލި ބަޖެޓަކަށްވީ ނަމަވެސް ބަޖެޓުގައި މި ސަރުކާރުގެ ބައެއް ވައުދުތައް ފުއްދުމަށާއި ބައެއް މަޝްރޫއުތައް ހިންގަން ބަޖެޓުގައި ފައިސާ ހިމަނާފައިވެ އެވެ.

ނަމަވެސް ސަރުކާރުގެ ބައެއް މަަޝްރޫއުތައް ހިންގަން ބަޖެޓުގައި ހިމަނާފައި ވަނީ ވަރަށް ކުޑަ އަދަދެއް ކަމުން، އެ މަޝްރޫއުތަކުގެ މަސައްކަތް ފަށަން ނިންމާފައި އޮތީ އަހަރުގެ ފަހުކޮޅަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވި އެވެ. އަދި ބައެއް މަޝްރޫއުތަކަށް ހިމަނާާފައިވާ ފައިސާއަކީ މަޝްރޫއުގެ މަސައްކަތެއް ކުރެވޭ ވަރުގެ ފައިސާއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.