މިދިޔަ ދެ އަހަރުތެރޭ އެކި ރަށްރަށުގައި ހިންގުނު މަޝްރޫއުތަކަށް 12 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާ މިއީ އޭގެ ކުރީ ފަސް އަހަރުތެރޭ ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް ބަލާއިރު އެތަށް ގުނަ އިތުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިހެން ވިދާޅުވީ 34 ރަށެއްގެ ފެނާއި ނަރުދަނާ ގާއިމުކުރުމުގެ މަޝްރޫއުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިއީ އެއްފަހަރާ މިހާ ގިނަ ރަށެއްގައި ފެނާއި ނަރުދަނާ ގާއިމު ކުރުމަށް ކުންފުނިތަކަކާ ހަވާލުކުރި ފުރަތަމަ ފަހަރެވެ. މި މަޝްރޫއަކީ އިންޑިއާއިން ރާއްޖެއަށް ދޭން ނިންމި، 800 މިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިލިޓީގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކެކެވެ.
އަމީރު ވިދާޅުވީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެހީވުމަށް، އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިލިޓީއަކީ ރަނގަޅު މުއްދަތެއްގައި ދެއްކުމަށް ލިބިފައިވާ ލޯނެއް ކަމަށެވެ. 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން މުހިންމު މަޝްރޫއުތަކެއް ހިންގޭނެ ކަމަށާ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަަސައްކަތް އެއް ފަހަރާ ފެށިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަމީރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އެ ބަލިމަޑުކަން އަރައިގަތުމަށް އެކަނިވެސް ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހިފައިވާއިރު އެ ހަރަދުތަކާއެކުވެސް މިދިޔަ އަހަރު ތަރައްގީގެ ދުވެލި ނުހުއްޓި ކުރިއަށް ގެންދެވުނު ކަމަށެވެ. މި ސަރުކާރުން މިހާތަނަށް 310 ޕްރޮޖެކްޓް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގިފައިވާ ކަމަށާ އެއީ 12 ބިލިއަން ރުފިޔާގެ މަސައްކަތް ކަމަށް އަމީރު ވިދާޅުވިއެވެ.
"މި ސަރުކާރުން މިހާތަނަށް 12 ބިލިއަން ރުފިޔާގެ ތިންސަތޭކަ ދިހަ ޕްރޮޖެކްޓް އެކިއެކި ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފައި. މިއީ އޭގެ ކުރިން ފަސް އަހަރު ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކާއި ބަލާއިރު އެތަށް ގުނައެއް އިތުރު އަދަދެއް. މިއީ މިދިޔަ އެތަށް ސަރުކާރަކާއި ނުބައްދަލު އަދަދެއް،" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ 34 ރަށުގައި ނަރުދަމާ ގާއިމުކުރުމާއި ފެނުމުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ހަވާލުކުރުމުން މަސައްކަތް ހަވާލު ނުކުރެވި އޮންނާނީ 25 ރަށް ކަމަށެވެ. އޭގެ ތެރެއިން ގިނަ ރަށްތަކެއްގެ ބިޑް މިއަދު ހުޅުވާފައިވާ ކަމަށާ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭ އެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރާނެ ބަޔަކު ކަނޑައަޅާނެ ކަމަަށެވެ.
މި ސަރުކާރުން 133 ރަށުގައި އެ މަސައްކަތް ކުރިއަށް ގެންދާއިރު ފެނާއި ނަރުދަނާ ގާއިމު ކުރެވުމުން ހީނުކުރާވަރުގެ ތަރައްގީއެއް ރަށްތަކަށް އަންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ. ލޯކަލް ޓޫރިޒަމް ފުޅާ ކުރެވި ސިއްހީ ގޮތުން ދުޅަހެޔޮކަން ލިބިފައިވާ މުޖްތަމައުތަކެއް ބިނާ ކުރެވިގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގިނަ ރަށްތަކެއްގައި މަަސައްކަތްތައް ކުރެވިގެންދާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ހަމަ އަގުގައި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވުން ކަމަށެވެ. އަދި ރަށްރަށުގެ އާބާދީ އާއި ރަށުގެ ސައިޒަށް ބެލުމެއް ނެތި ހަމަހަމަ ކަމާއެކު ހުރިހާ ރަށެއްގައިވެސް މަސައްކަތްތައް ކުރިއަށް ގެންދެވުން ކަމަށެވެ.