އައިޝަތު ބިޝާމް

"ރައީސް ޔާމީން އެއްވެސް ނުފޫޒެއް ނުފޯރުވާ"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް (ޕީޖީ) އިން ދައުވާތައް ކުރުމުގައި އެއްވެސް ނުފޫޒެއް އައިސްފައި ނުވާ ކަމަށާއި ބައެއް ދައުވާތައް އަނބުރާ ގެނެސްފައި ވަނީ ސަބަބުތަކެއް ހުރުމުން ކަމަށް ޕީޖީ އައިޝަތު ބިސާމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ނަވާރަވަނަ މަޖިލީހުގެ އަލަށް އުފެއްދި ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕީޖީ އޮފީހުގެ ކަންކަން ބެލުން ހިމެނޭއިރު، މިއަަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް ޕީޖީ އައިޝަތު ބިޝާމާއި އެ އޮފީހުގެ ބައެއް އިސް ބޭފުޅުން ވަނީ ހާޒިރުވެވަޑައިގެންފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ ބައެއް ސުވާލުތައް އަމާޒުކުރީ މިދިޔަ ސަރުކާރުގައި ޕީޖީން އުފުލި ދައުވާތަކާއި ފަހުން އެ ދައުވާތައް ބަދަލު ކުރި ސަބަބާ ގުޅޭ ގޮތުންނެވެ.

އެ ގޮތުން ކުރީގެ ރައީސް ޔާމީންގެ ފަރާތުން އެއްވެސް ނުފޫޒެއް އައިސްފައިވޭތޯ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ސުވާލު ކުރެއްވުމުން ޕީޖީ ބިސާމް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން އޭނާގެ މައްޗަށް އެއްވެސް ނުފޫޒެއް އައިސްފައި ނުވާ ކަމަށެވެ.

ކުރީގެ ސަރުކާރުގައި އެއިރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ހައްޔަރު ކުރި މީހުންނާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން ބިސާމް ވިދާޅުވީ ހަމައެކަނި ސުލްހަވެރިކަމާއެކު މުޒާހަރާކޮށްގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް މުޒާހަރާތަކާ ގުޅިގެން ދައުވާ ކޮށްފައި ވާނީ އެ މުޒާހަރާތަކުގައި ހިންގި ޖިނާއީ ކަމަކާ ގުޅިގެން ކަމަށެވެ.

ޕީޖީ ބިޝާމް އެހެން ވިދާޅުވި ނަމަވެސް ކުރީގެ ސަރުކާރުގައި ޕީޖީން ކޮށްފައިވާ ބައެއް ދައުވާތަކާއި ފަހުން ސަރުކާރު ބަދަލުވުމުން ދައުވާތައް ބަދަލު ކުރި ސަބަބާ ގުޅޭ ގޮތުން މެންބަރުން އިތުރަށް ސުވާލު ކުރެއްވި އެވެ. އެ ގޮތުން ޕީޖީން ކުރިން ދައުވާ ކުރި ބައެއް މައްސަލަަތަކާ ގުޅޭ ގޮތުން ވެސް މެންބަރުން ސުވާލު ކުރެއްވި އެވެ.

ޕީޖީގެ ސްޓޭންޑް ބަދަލުކޮށް ކުރި ދައުވާތައް އަނބުރާ ގެނެސްފައި ވާނީ އެއްވެސް ސަބަބެއް ނެތިއެއް ނޫން ކަމަށާއި ދައުވާތައް އަނބުރާ ގެނެސްފައި ވަނީ ގޯސްތައް ފާހަގަވެ ކޯޓުގެ ނިންމުންތަކަށް ރިއާޔަތްކޮށްފައި ކަމަށް ބިޝާމް ވިދާޅުވި އެވެ. އަދި މިހާރު ގާނޫނު އޮންނަ ގޮތުން ސަބަބެއް ނުދައްކާ ކޯޓުގައި އޮތް މައްސަލައެއް އަނބުރާ ނުގެނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓޭންޑް ބަދަލު ކުރުމުގައި ވެސް ސަބަބުތައް އެބަހުރި. ތަފުސީލީ ސަބަބުތަކާއެކު ފުލުހުންނަށް ވެސް މައްސަލަތައް ފޮނުވާފައި ހުންނާނީ. މިހާރު ގާނުނު އޮތް ގޮތުން އެއްވެސް މައްސަލައެއް ކޯޓުން އަނބުރާ ނަގާނަމަ ސަބަބު ދައްކަން ޖެހޭ. އެހެންވީމަ އެހާ ފަސޭހަކޮށެއް ނޫން މައްސަލަތައް އަނބުރާ ގެނެސްފައި ހުރީ." ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ އެއްވެސް މައްސަލައެއްގައި ވަކި ގޮތަކަށް ދައުވާ އުފުލަން ޕްރޮސެކިއުޓަރުންނަށް އޭނާ އަންގަފައިނުވާ ކަމަށެވެ. އަދި ދައުވާ ކޮށްފައިވާ މައްސަލަތަކުގައި ދައުވާ ކުރީ ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގެ ދަށުން ދައުވާ ކުރެވޭ މިންވަރަށް ހެކި ހުށަހެޅި މައްސަލަތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެއްވެސް ޕްރޮސެކިއުޓަރަކަށް އަންގާފައެއް ނުވާނެ މިވެނި ދައުވާއެއް މިވެނި މީހެއްގެ މައްޗަށް ކުރާށެކޭ. ބޮޑެތި މައްސަލަތަކަށް އަޅުގަނޑުމެންގެ ތެރޭގައި ޕްރޮސެކިއުޓަރުން ޓީމުތަކަށް ނެގި، އެ ކުރަން ޖެހޭ މަޝްވަރާތައްކޮށް އެ ދައުވާ ކޮށްފައިވާ ކަންކަމުގައި ދައުވާ ކޮށްފައި ވާނީ." ބިޝާމް ވިދާޅުވި އެވެ.

ޕީޖީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭ ގޮތުން ރައީސް އޮފީހަށް ވަޑައިގެން އެއްވެސް ބޭފުޅަކާއެކު މަޝްވަރާކޮށް ވަކި ގޮތަކަށް އަމަލު ކުރަން ލަފާ ލިބިވަޑައިގެންފައިވޭތޯ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސުވާލު ކުރެއްވުމުން ބިޝާމް ވިދާޅުވީ މެންބަރު ތުހުމަތު ކުރައްވާ ޒާތުގެ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު ރައީސް އޮފީހަށް ދާން ޖެހޭ އެންމެ ބޭނުމެއް އޮންނަނީ. އެ ބޭނުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ނޭޝަނަލް ޑްރަގް ކައުންސިލްގެ މެންބަރެއް އަޅުގަނޑަކީ ޕީޖީގެ ހައިސިއްޔަތުން. އެ ކައުންސިލްގެ ވަރަށް ގިނަ ބައްދަލުވުންތައް މިދިޔަ ދައުރުގައި ރައީސް އޮފީހުގައި ބޭއްވޭ. މި ދައުރުގައި ވެސް ކޮންމެ ވެސް ވަރަކަށް ބޭއްވިއްޖެ. އެ ބައްދަލުވުމަށް ގޮސްފައި ވާނީ،" ބިޝާމް ތަފުސީލުކޮށްދެއްވި އެވެ.

މިދިޔަ ސަރުކާރުގެ ތެރޭގައި ވަކި ބަޔަކަށް ނުވަތަ ވަކި ސިޔާސީ ފިކުރެއްގެ ބަޔަކަށް އަމާޒުކޮށް ފުލުހުން ބައެއް މީހުން ހައްޔަރުކޮށް ބައެއް ހަރަކާތްތަކަށް ހުރަސް އެޅި ކަމަށް ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ތުހުމަތު ކުރެއްވި އެވެ.

މިކަމާ ގުޅޭ ގޮތުން އިންތި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ބިޝާމް ވިދާޅުވީ ފުލުހުން ތަހުގީގުކޮށް ނިންމައި ފޮނުވި ކޮންމެ މައްސަލައެއް ޕީޖީން ދައުވާކޮށްފައި ނުވާނެ ކަމަށާއި ބައެއް މައްސަލަތައް އަނބުރާ ފޮނުވާފައިވާނެ ކަމަށެވެ. އެ ގޮތުން މެންބަރު ފާހަގަކުރެއްވި ފަދަ މައްސަލަތަކުގައި ދައުވާ އުފުލި މައްސަލަތަކަށްވުރެ އަނބުރާ ފޮނުވާލި މައްސަލަތައް ގިނަވާނެ ކަމަށް ބިޝާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ހަމައަށް އައި ކޮންމެ މައްސަލައެއްގައި ބްލައިންޑްލީ ދައުވާ ކުރީއެއް ނޫން. އަޅުގަނޑުމެން ވެސް ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވެން އޮތް މައްސަލަތަކުގައި ދައުވާ ކުރީ. ތިޔަ ވިދާޅުވާ މުޒާހަރާތަކާ ގުޅިގެން ފޮނުވި މައްސަލަތަކުގެ ތެރެއިން އަޅުގަނޑުމެން ޑިކްލައިން ކުރި މައްސަލަތަކުގެ ތަފާސްހިސާބު ފެނުމުން އެނގޭނެ. އެ ތަފުސީލުތައް ކޮމިޓީއަށް ހިއްސާ ކުރެވިދާނެ،" ބިޝާމް ވިދާޅުވި އެވެ.