ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް "ރަހީނު ކުރި" ކަމަށް ބުނާ މައްސަލައާ ގުޅިގެން މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން އެ މައްސަލަ ބައްލަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޕީޖީ އައިޝަތު ބިޝާމް އިއްޔެ ހާޒިރުކުރެއްވިއިރު، ކުރީގެ ސަރުކާރުގެ ދުވަސްވަރުގައި ޕީޖީން އުފުލި ބައެއްް ދައުވާތަކާއި ބައެެއް މައްސަލަތަކުގައި ޕީޖީން އޭރު އަމަލު ކުރި ގޮތާ ގުޅިގެން މެންބަރުންގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް ގިނަ އިރުތަކެއް ވަންދެން އެތަނުގައި ބޭންދި މައްސަަލައިގެ ކަންބޮޑުވުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފާޅުކުރެއްވި އެވެ. އަަދި ތުހުމަތަކާ ނުލައި ފުލުހުންގެ އިދާރާ އެހާ ގިނައިރު ބޭންދުމަކީ "ރަހީނު ކުރުން" ކަމުގައި ހިސާން ސިފަކުރެއްވި އެވެ.
އެ ކަމާ ގުޅިގެން ބިޝާމް ވިދާޅުވީ މާޝާ ރަހީނު ކުރި މައްސަލަ އެއްވެސް އިރެއްގައި ޕީޖީ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށާއި އެ ކަމުގެ މައުލޫމާތު އޭނާއަށް އެނގިވަޑައިގަތީ މައްސަލަ ހިނގިތާ ވެސް ދުވަސްތަކެއް ފަހުން ކަމަށެވެ.
ނަމަވެސް މައްސަލައިގެ މައުލޫމާތު ލިބިވަޑައިގަތުމާއެކު އެ ކަމާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލު ކުރެއްވި ކަމަށް ބިޝާމް ވިދާޅުވި އެވެ. ބިޝާމް ވިދާޅުވި ގޮތުގައި، އެ ކަމާ ގުޅިގެން ފުލުހުންގެ ފަރާތުން އެ ދުވަހާ ހަމައަށް ވެސް ޖަވާބެއް ނުލިބެ އެވެ.
ބިޝާމް އެހެން ވިދާޅުވުމުން ހިސާން ވަނީ ޕީޖީގެ ގާނޫނުން ޕީޖީއަށް ލިބިދޭ ބައެއް ބާރުތައް ފާހަގަކުރައްވައިފަ އެވެ. އެ ގޮތުން ޖިނާއީ ކުށުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިނަމަ ނުވަތަ ޝަކުވާއަކުން އެފަދަ މައުލޫމާތެއް ލިބެއްޖެނަމަ އެ ކަމެއްގެ ތަހުގީގު ކުރުމުގެ އަމުރު ނެރުން އެއީ ރަނގަޅު ކަމެއް ކަމަށް ފެންނަނަމަ އެފަދަ އަމުރެއް ނެރުމުގެ ބާރު ޕީޖީއަށް އޮންނާނެ ކަން ހިސާން ފާހަގަކުރެއްވި އެވެ.
ހިސާން އެ ކަން ފާހަގަކުރެއްވުމުން ބިޝާމް ވިދާޅުވީ އޭރު އެ މައްސަލައާ ގުޅިގެން ތަހުގީގު ކުރަން ފުލުހުންނަށް އެއްވެސް އަމުރެއް ޕީޖީގެ އޮފީހުން ނެރެފައިނުވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ބިޝާމް ވިދާޅުވި އެވެ.
ބިޝާމްގެ މައްޗަށް ނުފޫޒެއް އައިސްފައިވޭތޯ މެންބަރުން ކުރެއްވި ސުވާލަށް އޭނާ ވިދާޅުވީ އޭނާގެ މައްޗަށް އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ. އަދި ދައުވާތައް ކޮށްފައިވާނީ އެ އޮންނަ އުސޫލުގެ ތެރެއިން އެ ކަމަށް އެކަށީގެންވާ ހެކި ދެއްކުމުން ކަމަށާއި ސްޓޭންޑް ބަދަލުކޮށްފައިވާ މައްސަލަތަކުގައި އެ ނިންމުން ނިންމާފައި ވަނީ ވެސް ސަބަބުތަކެއް ހުރުމުން ކަމަށް ބިޝާމް ވިދާޅުވި އެވެ.