ލައިފްސްޓައިލް

މީޓިން ފަށާއިރަށް ނިދެނީ ކީއްވެގެންތަ؟

މިއީ ކޮންމެ މީހަކަށްވެސް މަދުވެގެން އެއްފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ދިމާވެފައި އޮންނާނެ ކަމެކެވެ. އޮފީސް ސްޓާފް މީޓިން އަކަށް ގޮވާލުމުން ނުވަދެ ރެކެވޭނެ ގޮތެއް ނެތި ވަންނަ މީހުންނާއި ފޯރީގައި ވަދެ އެންމެ ކުރީގައި އިށީންނަ މީހާއަށްވެސް ހުންނާނީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި މިކަމާ ކުރިމަތިލާން ޖެހިފަ އެވެ. މީޓިން ފަަށާ އެކި މީހުންގެ ވާހަކަތަކާއެކު ދެލޮލަށް ބަރުވެ ނިދި ޖެހެނީ އެވެ. ގޮނޑީގައި އިނދެ ތާއްޔާ ޖެހެމުން ގޮސް އެންމެ ފަހުން މީޓިން ނިންމާފައި ނުކުންނަނީ ވާނުވާ ނޭނގި ބޭނުންނުވާ ކަންކަމަށް ވެސް އެއްބަސް ވެގެންނެވެ. އޮފީސްތަކުގައި ނޫނަސް ސްކޫލްތަކުގައި ބާއްވާ ޕޭރެންޓް މީޓިންތަކުގައި ވެސް މިކަހަލަ ކަންްކަން ދިމާވެ އެވެ.

މީޓިންްއަށް ވަންނަނީ މަސައްކަތުން ދުރުވެލާ ސިކުނޑިއަށް ރެސްޓެއް ދީ ނިދާކަށް ނޫނެވެ. އެ މީޓިންއަކީ ވެރި މީހާގެ ރުޅިގަނޑު ބަންޑުންވާ މީޓިންއަކަށް ވެސް ވެދާނެ އެވެ. ނޫނީ ސްޓާފުންނަށް ހިތްވަރު ދިނުމުގެ މީޓިންއަަކަށް ވެސް ވެދާނެ އެވެ. ވަންނަންވާނީ އެކަމަށް ތައްޔާރު ވެގެންނެވެ. އެކަމަކު މީޓިން ފަށަސި ފަހަރަކު މީހަކު ވާހަކަ ދައްކަމުން ގޮސް ދެއްކި ވާހަަކައެއް ނުދައްކާ ވާހަކައެއް ނޭނގޭ ފަހަރު އާދެ އެވެ.

ލޯހުޅުވައިގެން އިނދެ ނިދެ އެވެ. މި ކަންކަން ހައްލު ކުރަން އުކުޅުތައް ބޭނުން ކުރެ އެވެ.

ރަނގަޅު ވަގުތާއި ތަން

އޮފީސް މީޓިން ބޭއްވުމުގައި މިހާރު ތަފާތު ގޮތްތަކެއް ބޭނުން ކުރެ އެވެ. އެތައް ގަޑިއިރަކަށް މަސައްކަތް ކުރާ އޮފީހުގައި މީޓިން ބޭއްވުމުގެ ބަދަލުގައި މާހައުލު ބަދަލު ކޮށްލައި ރެސްޓޯރަންޓަކަށް ގޮސް ލައި ކެއުމެއް ނުވަތަ ކޮފީ އަކުން މީޓިން ބާއްވަ އެވެ. އޮފީސް މާހައުލުން ދުރުވުމުން ފިނި ކޮޓަރީގައި އިނދެ އެ އަންނަ ނިންޖަށް ނިމުމެއް އާދެ އެވެ. އަދި މާހައުލު ބަދަލު ކުރުމަކުން ނިމުނީ އެއް ވެސް ނޫނެވެ. މީޓިން ބާއްވާއިރު ރަނގަޅު ވަގުތަކަށް ބެލުން މުހިއްމެވެ.

ބައެއް މީހުން ބުނާ ގޮތުގައި ލަންޗް ގަޑިއަށް ފަހު ބާއްވާ މީޓިން ތަކުގައި ޔަގީނުން ވެސް ނިދޭނެ އެވެ. އޭރުން ވާނީ ކައިގެން އަައިސް ބަނޑު ދަމާލާ މީޓިން އަކަށެވެ. އެ ވަގުތަށް "ޑެޑް ޒޯން - ޕީރިއަޑް" އޭ ވެސް ކިޔަ އެވެ. މީޓިން ބާއްވާ އިރު އެ މީޓިން އަކީ ހޫނު ވާނެ މީޓިން އެއް ނަމަ ހެނދުނު ހެނދުނާ ބޭއްވުން ރަނގަޅެއް ނޫނެވެ. ސްޓާފުން ޑީމޯޓިވޭޓްވެ މުޅި ދުވަސް ވެސް ހަރާބު ވާނެ އެވެ. އެއާ ހިލާފަށް މަސައްކަތަށް ތައުރީފު ކުރަން ބާއްވާ މީޓިން އެއް ނަމަ އެވަގުތު އެއީ އެންމެ ފުރިހަމަ ވަގުތެވެ. މަސައްކަތުގެ ސްޕީޑު ވެސް އަވަސް ވާނެ އެވެ.

ސްނެކް ކުރުން

ދިގު މީޓިން އެއް ނަމަ ލުއި އެއްޗެއް ހަފާލާ ހެދުމުން މީޓިންގެ ދިގު ކަމާއި ފޫހި ކަަމެއް އިހުސާސް ނުވާނެ އެވެ. އެގޮތުން، ފާސްޓް ފުޑްސްގެ ބަދަލުގައި ސިއްހަތަށް ފަައިދާހުރި ބަދަން ކަހަލަ އެއްޗަކަށް އިސްކަން ދިނުމުން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ އެވެ.

ބައިވެރިވުން

މިއީ މިކަން މެދުވެރިވާ އަސްލު ސަބަބު ކަމުގައިވެސް ބައެއް މީހުން ބުނެ އެވެ. މީޓިން އަަށް އެންމެ ފުރަތަމަ ވަންނަނީ ވެސް ހިތުން ރުހުމަކު ނޫނެވެ. އިތުރު ގޮތެއް ނެތިގެން ވަންނަނީ އެވެ. އޭގެ ބަދަލުގައި ޕޮޒިޓިވް ވިސްނުމަކާއެކު މީޓިިން އަށް ވަދެ ހުރިހާ ކަމެއްގައި ޝާމިލުވުމަކީ ނިދިޖެހުމުން ދުރުކޮށްދޭނެ ކަމެކެވެ. ދައްކާ ވާހަކަައިގައި ބައިވެރިވެ އެއްބަސްވާ ކަންކަމުގައި ބޯ ޖެހުން ފަަދަ ކަންކަން ހިމެނެ އެވެ. ތަފާތު ވިސްނުމުގެ ހިޔާލުތައް މީޓިން އަަށް ބަންޑުން ކޮށްލުމާއި ހިޔާލު ފާޅު ކުރުމުގެ މުހިއްމު ކަން މީޓިންއަކުން އެނގޭނެ އެވެ. އަަދި، އެ މީހެއްގެ ގާބިލުކަމާއި ކުޅަދާނަކަން ވެސް ހާމަ ވާނެ އެވެ.

ކަން މިހެން އޮތް ކަމުގައި ވިޔަސް މީޓިން ތަކުގައި ގިނަ ފަހަަރަށް ނިދި އަންނަނީ އެ މީޓިން އަަކީ ދުރާލާ ތައްޔާރު ވެގެން ބާއްވާ މީޓިން އަކަށް ނުވުމުންނެވެ. ޝެޑިއުލް އެއް ޕްލޭން އެއް ނެތި، ބުނާ ގަޑިއަށް ނުފެށި، ފޫހިވެ، ވާހަކަ ދިގުލައިގެން ގޮސް ބޭކާރު ވާހަކައާއި ދައްކަން ނުޖެހޭ ވާހަކަތައް ދެއްކުމުން ދެން ނިދެނީ އެވެ.