ހަބަރު

ލޮލުގެ ފަރުވާގެ ހިދުމަތްތައް ފުޅާކުރަން ޗައިނާ އާއެކު އެއްބަސްވުމަކަށް

ރާއްޖޭގައި ލޮލުގެ ފަރުވާއަށް ދެވޭ ހިދުމަތްތައް ފުޅާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތު އާއި ޗައިނާގެ ނެޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިން ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ހެލްތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ އަމީނެވެ. އަދި ޗައިނާގެ ނެޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިން ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޒަންގް ލިޒޯންގް އެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ލޮލުގެ ފަރުވާގެ ހިދުމަތްތައް ފުޅާ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އެގޮތުން، އާދައިގެ ސާޖަރީތަކުން ފެށިގެން ހާއްސަ ސާޖަރީތައް ހެދޭ ފެންވަރަށް ތަރައްގީ ކުރުމާއި ހޮސްޕިޓަލަށް ބޭނުންވާ ލޮލުގެ ފަރުވާއާ ގުޅޭ އިކުއިޕްމަންޓްސްވެސް ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތުން ބުނެ އެވެ.

އިތުރަށް ބުނެފައިވަނީި ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަަމްރީނުތައް ޗައިނާގައި ދިނުމުގެ އިތުރުން ޗައިނާގެ ލޮލުގެ ހާއްސަ ޑޮކްޓަރުން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި ލޮލުގެ ހާއްސަ ފަރުވާދޭ މަރުކަޒެއް ގާއިމް ކުރުމަކީ ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރާއެކު 2017ގައި ސޮއި ކުރެވިފައިވާ ފަހުމުނާމާގެ މައިގަނޑު އެއް ދާއިރާ އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި 2015 ވަނަ އަހަރު އަދި 2017 ވަނަ އަހަރުވެސް ވަނީ ލޮލުގެ ހާއްސަ ކޭމްޕުތަކެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފަ އެވެ. މި ކޭމްޕުތަކުގައި 1000 އަށް ވުނެ ގިނަ މީހުން ސްކްރީނުކޮށް 186 މީހުންގެ ލޮލުގެ ސާޖަރީ ވަނީ ހަދާފައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.