ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޗައިނާއަށް ސީދާ ދަތުރުތައް މެދުކަނޑާލައިފި

Jan 30, 2020
1

ޗައިނާއިން އުފަންވެގެން ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ރާއްޖޭން ޗައިނާއަށް ކުރާ ސީދާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީ އާއި ހެލުތު މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް އާ ގުޅިގެން، ރާއްޖޭން ޗައިނާ އިން ކުރާ ސީދާ ދަތުރުތައް މުއްދަތެއްނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، ރާއްޖޭން ބޭރަށް ދަތުރުނުކުރުމަށް ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން އިލްތިމާސްކުރާކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސީދާ ދަތުރުތައް މެދުކަނޑާލަން ނިންމީ، ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

"މިފިޔަވަޅަކީ ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖެއަށް ޒިޔާރާތްކުރާ ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާރު ތިބި ޗައިނާ ފަތުރުވެރިންގެ ހާލަތުވެސް ކަމާބެހޭ އިދާރާތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއަށް ބޭރުން އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުންގެ ހާލަތު އިތުރަށް ބަލާފައިވާނެ ކަމަށާއި، ނަމަވެސް، އެ ވައިރަސް ޖެހިފައިވާ މީހަކު އަދި ފެނިފައިނުވާކަމަށް އަމީން މިއަދުވެސް ތަކުރާރުކުރެއްވި އެވެ.

"މި ވައިރަސްގެ އަލާމާތްތަކަކީ ހަމަ އާންމު ރޯގާގައިވެސް ހުންނަ އަލާމާތްތައް. ދެން ހުމުގެ އަލާމާތެއް ހުންނަ ކޮންމެ މީހަކީ ނޫނީ ފަތުރުވެރިޔަކީ އެ ވައިރަސްއަށް ޝައްކުކުރެވޭ މީހެއްގެ ގޮތުގައި ބަލަނީކީ ނޫން. ބައިނަލްއަގުވާމީ ގޮތުންވެސް، އެ ވައިރަސަށް ޝައްކުކުރެވޭ މިންގަނޑުތަކެއް ހުރޭ. ސްކްރީން ކުރުމުގައި އަޅުގަނޑުމެން މި އަމަލުކުރަނީ ބައިނަލްއަގުވާމީ ސްކްރީނިން ޕްރޮޓޮކޯލްތައް،" އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވި ގޮތުގައި، ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ މާސްކާއި އެހެނެހިން އާލާތްތައް މި ވަގުތަށް ރާއްޖެއަށް ބޭނުންވާވަރަށް ހުރި ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޗައިނާގެ ހުރިހާ ސަރަހައްދަކުން މިހާރު ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 170 އަށް ވަނީ އަރާފަ އެވެ.

އަދި މިހާތަނަށް 7،711 މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އެ ވައިރަސް ޖެހިފައިވާ މީހުން ވަނީ ތަފާތު 16 ގައުމަކުން ފެނިފަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި ސްރީލަންކާގެ އިތުރުން އިންޑިއާވެސް ހިމެނެ އެވެ.