ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮރޯނާ ވައިރާހާ ގުޅިގެން މިހާތަނަށް 2،000 މީހުންގެ ބުކިން ކެންސަލްކޮށްފި

ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ބަލި ރާއްޖޭގައި ފެތުރިދާނެ ކަމަށް ތައްޔާރުވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިހާތަނަށް ރާއްޖެ އަންނަ ބުކްކޮށްފައިވާ 2،000 މީހުންގެ ބުކިން ކެންސަލް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން އެކުލަވާލި ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީން ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސް އަތުވެދާނެ ކަމަށް ސަރުކާރު އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އިގްތިސާދީ ކަންކަމަށްވުރެ ވެސް އިސްކަން ދޭނީ ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރި ކަމަށް ކަމަށެވެ. އެ ގޮތުން މިހާތަނަށް ވެސް ރާއްޖެ އަންނަން ހަމަޖެހިފައިވާ 2،000 މީހުންގެ ބުކިން ކެންސަލް ކޮށްފައިވާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާގެ ވަގުތެއްގައި ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އިތުރު ނިންމުންތައް ސަރުކާރުން އޭގެ ފަހުން ނިންމާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަރުކާރުން އަމަލު ކުރަމުން އަންނަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ލަފައާއި އިރުޝާދާ އެއް ގޮތަށް ކަމަށާއި ޗައިނާ ފަތުރުވެރިންގެ އެރައިވަލްތަކާ ގުޅޭ ގޮތުން ވެސް ގޮތެއް ނިންމާނީ އެ އިރުޝާދުތަކާ އެއް ގޮތަށް ކަމަށެވެ. ހާލަތު ގޯސްވަމުންދާ ވަރަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"މިކަމާ ގުޅިގެން ހިނގައިގެން އެއްވެސް ކަމެއް ސަރުކާރުން ސިއްރެއް ނުކުރާނެ، ރާއްޖެއިން ފެނިއްޖެ ނަމަ ވާން ޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ހަމަޖެހިފައި، އެންމެ ގޯސް ހާލަތަށް ވެސް ސަރުކާރު އޮތީ ތައްޔާރަށް، ސަރުކާރަށް އެންމެ މުހިއްމު ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އިގްތިސާދީ ކަންކަން ވެސް އަންނަނީ އޭގެ ފަހުން،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޗައިނާގެ ވުހާން ސިޓީން ފެތުރިގެން އައިސް އުޅޭ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް އެއްވެސް މީހަކު ރާއްޖެއިން ފެނިފައި ނުވާ ކަމަށެވެ. އަދި ފެނިއްޖެނަަމަ ފުރަތަމަ އެއާޕޯޓުން ފެށިގެން އަޅަން ޖެހޭ ފިޔަވަޅުތަކުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މި ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނިހޫނުމިން ހުރި މިންވަރު ބަލާނެ ތާމަލް ކެމެރާ ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސައި، ސްކްރީން ކުރެވޭނެ އިންތިޒާމް ހަމައްސައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބައްޔަށް ޝައްކު ކުރެވޭ އަދި ބަލީގެ އާލާމާތްތައް ހުރި މީހަކު ފެނިއްޖެނަމަ އޭނާއަށް ފަރުވާ ދެވޭނެ އިންތިޒާމުތައް އެއާޕޯޓުން ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން ބައްޔަށް މީހަކު ޕޮޒިޓިވް ވެއްޖެނަމަ އައިސޮލޭޓަރުގައި ބާއްވައިިގެން ފަރުވާ ދެވޭނެ ގޮތް ވެސް އިންތިޒާމު ކޮށްފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.