ކަރަންޓީން ކުރާ މީހުންނާ އައިސޮލޭޓް ކުރާ މީހުންނަށް 16 ރިސޯޓެއްގެ 1800 ކޮޓަރި ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ މައުލޫމާތު ހާމަކުރުމަށް ބާއްވަމުންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލްވުންތަކުގެ ތެރެއިން މިއަދުގެ ބައްދަލްވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާރު އޮތް ހާލަތަށް ދުރާލާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެ މީހުން އައިސޮލޭޓް ކުރެވޭނެ ތަންތަން އެބަހުރި ކަމަަށް ވިދާޅުވިއެވެ. ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި މި ވަގުތު 16 ރިސޯޓެއްގެ 1800 ކޮޓަަރި ބޭނުން ކުރަން ލިބިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ އެ ކޮޓަރިތަކުން 3،000 ވުރެ ގިނަ އެނދު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ހާލަތު އެހެން ގޮތަކަށް ބަދަލުވީ ނަމަވެސް ބަލި މީހުން އެކަހެރިކޮށްގެން ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަަށް އަލީ ވިދާޅުވިއެވެ.
އަދި ރާއްޖޭގައި އޮތް 160 ރިސޯޓްގެ ތެރެއިން ގިނަ ރިސޯޓްތަކުގެ އޮޕަރޭޝަން ހުއްޓާލާފައިވާއިރު ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި އެ ތަންތަންވެސް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 214 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި 195 މީހަކަަށް ދަނީ ފަރުވާ ދެމުންނެވެ.
މި ވަގުތާ ހަމައަށް 1210 މީހުން ކަރަންޓީން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. އަދި 214 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.
އެއިން ކޮންމެ މީހަކަަށް ކެއުމާއި އެހެނިހެން ބޭނުންތަކަށް ސަރުކާރުން ކޮންމެ ދުވަހަކު 750 ރުފިޔާ ދަނީ ހަރަދުކުރަމުންނެވެ.