ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުން ސުނާމީ ކާރިސާއާއި ގްލޯބަލް ފައިނޭޝަނަލް ކްރިސިސްއަށްވުރެ ބޮޑުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ކޮވިޑްގެ ސަބަބުން ފަތުރުވެރިކަމާއި، ގައުމުތަކުގެ ދަރަނި އަދި އެކަމާއި ގުޅިގެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ބޭއްވި ސެމިނާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ރިޔާސަތު ބެލެހެއްޓެވި މި ސެމިނާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި ފަތުުރުވެރިކަމަށް މި ބަލިމަޑުކަމުގެ ސަބަބުން ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ.
ބަލިމަޑުކަމުން ސަލާމަތްވުމަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް ތައްްޔާރުވަމުންދާ ކަމަށާ އެކަމާއި ގުޅިގެން އެކުލަވާލަންޖެހޭ އުސޫލުތައް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ބޭފުޅުންގެ އެހީތެރިކަމާއެކު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ފަތުުރުވެރިކަން އަލުން ބަލުން ފަށައިގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ ކޮމަންވެލްތުގެ އެހީތެރިކަަމަށްވެސް އެދިވަޑައިގެންފައެވެ. އަދި ދޭދޭ ގައުމުތަކުގެ ދޭތެރޭ ރައްކާތެރިކަމާއެކު ދަތުރުފަތުރުކުރެވޭނެ އުސޫލުތަކެއް ގާއިމްކޮށް ދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މި ފުރުސަތަކީ ދިވެހި މުވައްޒިފުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދީ ޖިންސުގެ ތަފާތުތައް ނައްތާލުށް ލިބުނު ފުުރުސަތެއް ކަމުގައި ބައްލަވާ އެގޮތަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އެއާއެކު ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ހަރަކާތް ކަމަށްވާ ފަތުުރުވެރިން ވަނީ ހުއްޓިފައެވެ. ހުރިހާ ރިސޯޓްތަކެއްގެ ބަންދުކޮށް ޖުލައި މަހުގެ ތެރޭގައި އަލުން ރިސޯޓްތައް ހުޅުވަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.