ކޮމަންވެލްތު އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ފަރާތުން ބާއްވާ ޓޫރިޒަމް ވެބިނާގައި ރާއްޖޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެވަޑައިގަތުމަށް ހަމަޖައްސައިފި އެވެ.
މި ވެބިނާ ފެށުމަށް ހަމެޖެހިފައި ވަނީ ރާއްޖެ ގަޑިން މިއަދު ހަވީރު 5:30 ގަ އެވެ.
ކޮމަންވެލްތުގެ އެ ވެބިނާއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައިވާ ލޮކްޑައުނާ ގުޅިގެން އަޅާ ފިޔަވަޅުތަކާއި ކުރިއަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބާއްވާ ޕެނަލް ޑިސްކަޝަންތަކެކެވެ. އެ ގޮތުން ދެ ޕެނަލްއެއްގައި މަޝްވަރާތައް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.
އޭގެ ތެރެއިން ޖަޒީރާ ރަށްތަކުގެ ގައުމުތަކުގެ ޓޫރިޒަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެކުލަވާލާފައިވާ ޕެނަލްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނީ ރައީސް ނަޝީދެވެ. އެ ޕެނަލްގައި ދެން ބައިވެރިވަނީ މަލްޓާގެ ޓޫރިޒަމް މިނިސްޓަރު ޖުލިއާ ފަރުގިއާ އާއި، ކާނިވަލް ކްރޫޒާގެ ޗެއާޕާސަން ޑޭވިޑް ޑިންގަލް އަދި ސޭންޑަލްސް ރިސޯޓްސްގެ ޗެއާމަން ބަޗް ސްޓެވާޓެވެ.
ޓޫރިޒަމް ސިނާއަތުގެ ޕެނަލްގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ މިނިސްޓަރު އަލީ ވަހީދެވެ. ދެން ބައިވެރިވަނީ ލަލިތު ގްރޫޕްގެ ޗެއާޕާސަން ޔޮސްނާ ސުރީއާއި، ސްރީލަންކާގެ ހޮޓެލް އެސޯސިއޭޝަންގެ ރައީސް ސަނަތު އުކްވަތޭއާއި، އެފްރިކަން ޕާކްސްގެ ސީއީއޯ ޕީޓާ ފީމްހެޑް އަދި ގަންތަން އެއާވޭސްގެ ރީޖިނަލް ޖެނެރަލް މެނޭޖަރު އަނާ ރިޗާޑް އެވެ.
ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ދުނިޔޭގެ ދަތުރުފަތުރު ވެސް ހުއްޓިފައިވާތީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ވަނީ ހުއްޓިފަ އެވެ. އޭގެ ސަބަބުން އިގްތިސާދަށް ވަންނަ ބޭރު ފައިސާގެ ބޮޑު ބައެއް ނުލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މިއާއެކު ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.