ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ރަށަށް ނުދެވި ރިސޯޓްތަކުގައި 600 އަށްވުރެ ގިނަ މުވައްޒިފުން ތާށިވެފައި އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއި ގުޅިގެން ފަތުރުވެރިން ގެނެވޭނެ ގޮތެއް ނެތި ރާއްޖޭގެ ރިސޯޓްތައް ވަނީ ބަންދުވެފަ އެވެ. އޭގެ ތެރެއިން ގިނަ ރިސޯޓްތައް ވަނީ އޮޕަރޭޝަން މުޅިން ހުއްޓާލާ ހުރިހާ މުވައްޒިފުންނަށް ތިން މަހުގެ ޗުއްޓީއެއް ދީފަ އެވެ.
ނަމަވެސް ރިސޯޓްތަކުން މީހުން ފޭބުމުގެ ހުއްދަ އެޗްޕީއޭއިން ދީފައި ވަނީ އެ ރިސޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުންނެވެ. ބައެއް ރިސޯޓްތަކުން މި މުއްދަތު ހަމަކުރިއިރު މާލެ ލޮކްޑައުންކޮށް ރަށްރަށަށް އަރާ ފޭބުން ވެސް އޮތީ މަނާ ކޮށްފައެވެ. އެހެން ކަމުން ރިސޯޓުން ރަށަށް ނުދެވި ގިނަ ބަޔުކު ރިސޯޓްތަކުގައި ތާށިވެފައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ރިސޯޓްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 އަށްވުރެ ގިނަ މުވައްޒަފުން ރަށަށް ދާން ބޭނުން ވެގެން އެދިފައިވެ އެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ރިސޯޓްތަކަކީ އަރާ ފޭބުން ހުއްދަ ދީފައިވާ ރިސޯޓްތަކެއް ކަމަށާ އެހެން ކަމުން އެ މުވައްޒިފުން ރަށްތަކަށް ފޮނުވޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ.
“އެ މީހުންނަކީ މާލެ ވެސް ނައިސް، އަދި އިތުރު ކަރަންޓީނަކާ ވެސް ނުލައި ސީދާ ރަށަށް ދެވޭނެ މީހުން.”
ނަމަވެސް އެ މުވައްޒިފުންނަށް ރަށަށް ދެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ވަކި ތާރީހެއް އޭނާ ވިދާޅެއް ނުވެއެވެ.
މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ރަށަށް ނުދެވި މާލޭގައި ވެސް ތާށިވެފައި އެބަ ތިއްބެވެ. އޭގެ ތެރެއިން 5،000 ވުރެ ގިނަ މީހުން، އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެންގޮސްފައި ވެއެވެ. ނަމަވެސް އެ މީހުންނަށް ރަށްރަށަށް ދެވޭނީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހަށް ކަރަންޓީނުވެފަ އެވެ.