ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭގައި ކޮވިޑް19އަށް ދެ މީހަކު ޕޮޒިޓިވް ވެއްޖެ

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖޭގައި ދެ މީހަކު ޕްޒިޓިވްވެއްޖެ އެވެ. ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.

އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އެއީ ތިންވަނަ ލެވެލް އެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓަށް މީހުންނަށް ނޭރޭ ގޮތަށް ބަންދު ކުރީ އިއްޔެ އެވެ. އެއީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް އިޓަލީއަށް ދިޔަ ޓޫރިސްޓެއްގެ ގައިން ކޮރޯނާ ވައިރަސް ފެނުނުކަން އެ ގައުމުން އެންގުމާ ގުޅިގެންނެވެ. އެ މައުލޫމާތާއެކު އެ ރިސޯޓްގައި ކޮރޯނާ ވައިރަހުގެ އަލާމާތްތައް ހުރި ދެ މުވައްޒަފަކު، ފަރުކޮޅުފުއްޓަށް ގެންގޮސް ކަރަންޓީނުކުރި އެވެ. އޭގެ ތެރޭގައި އެ ރިސޯޓްގެ ޑޮކްޓަރު ވެސް ހިމެނެ އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވްވި، ޓޫރިސްޓް ކޮންޓެކްޓްވި އެންމެން ހޯދައި ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ. އެ ޓޫރިސްޓް ބައްދަލުވި މީހުންގެ ތެރެއިން ކޮރޯނާގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަހުގެ އަލާމާތް ކަމަށް ބެލެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ އެ މީހަކު ގޭގައި މަޑުކުރުމަށްފަހު އިދާރާތަކަށް އެންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އޭރުން އެ މީހެއްގެ ގާތަށް އިދާރާތަކުން ދާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރެެއްދޫ ރިސޯޓްގައި ތިބި މުވައްޒަފުންގެ އާއިލާތައް ވެސް ބިރު ގަންނަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. ކުރެއްދޫގައި މިހާރު ތިބި މީހުންނާމެދު އަމަލު ކުރާ ގޮތްތައް ވެސް އާންމު ކުރަމުންދާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިރޭ ކެބިނެޓް ބައްދަލުވުމެއް ވެސް ބާއްވާނެ ކަމަށާއި ގޮތްތަކެއް ވެސް ނިންމާނެ ކަމަށެވެ. ރައްޔިތުން ކަންބޮޑުވާން ޖެހޭނެ އެއްވެސް ކަމެއް ނެތް ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ހެލްތް މިނިސްޓަރު ވިދާޅުވީ ރައްޔިތުން އަމަލު ކުރަންވީ ގޮތް ސަރުކާރުން އަންގަމުންދާނެ ކަމަށާއި އިރުޝާދާ ހިލާފަށް ޕެނިކްގައި އަމަލު ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޑޮކްޓަރުން ބުނީ ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިފައިވާތީ އެހެން ރަށަކުން ފެނުން ވެސް ވަރަށް ގާތް ކަމަށެވެ. އެހެންކަމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން އަތް ދޮވުމާއި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް އެދުނެވެ. ޑޮކްޓަރުން ވަނީ ހުން އަންނަނަމަ ޑޮކްޓަރަށް ދެއްކުމަށް ވެސް އެދިފަ އެވެ. އަދި އެފަދަ މީހުން މާސްކު އެޅުމަށް ވެސް އިލްތިމާސްކުރި އެވެ. ޑޮކްޓަރުން ބުނި ގޮތުގައި މާސްކު އެންމެން އެޅުން މުހިންމެއް ނޫނެވެ.

ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް ދިޔަ އިޓަލީ މީހާގެ ފަރާތުން ކޮރޯނާ ފެނުމާ ގުޅިގެން ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. އިޓަލީ މީހުން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ މީހެއްގެ ފަރާތުން ވެސް ކޮރޯނާގެ އަލާމާތްތައް ފެނުނެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އޭނާ ވައިރަހަށް ނެގަޓިވް އެވެ. އޭނާ އަދިވެސް ހުރީ ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ފަރާތުން އަލާމާތް އަދިވެސް ފެންނާތީ 24 ގަޑިއިރު ފަހުން އިތުރު ޓެސްޓް ހެދުމަށް ވަނީ ނިންމާފަ އެވެ.

މިއަދުގެ ވަގުތެއްގައި ސަމާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފްރާންސްގެ ދެ މީހެއްގެ ފަރާތުން ވެސް ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނުމާ ގުޅިގެން އެ ދެ މީހުން މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އެމީހުންގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބެ އެވެ. އެ ރިސޯޓް ވެސް މިހާރު އޮތީ މީހުންނަށް އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ރިސޯޓްގެ ޑޮކްޓަރުގެ ފަރާތުން ވެސް އަލާމާތްތައް ފެންނާތީ ވަނީ ކަރަންޓީނު ކޮށްފަ އެވެ.