ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދައުރުވަމުން ދަނީ ފޭކް އޯޑިއޯއެއް: އަލީ ވަހީދު

ދައުރުވަމުންދަނީ ސައްހަ އޯޑިއޯއެއް ނޫން ކަމަށާ އަބުރު ކަތިލުމުގެ ހިންގާ ޖަރީމާއަކުން އަޒުމް ގުޑުވާ ނުލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަލީ މިހެން ވިދާޅުވީ އަލީ ވަހީދު ދައްކާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެ އޯޑިއޯގައި ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާ އަޑު އިވެއެވެ. އޯޑިއޯ ލީކް ކުރި މީހުން ބުނަނީ އޯޑިއޯގައި ވާހަކަ ދައްކާފައި ވަނީ މިނިސްޓަރު އަލީ ވަހީދާއި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އައްސަދު ކަމަށެވެ. ޖޭޕީއަށް ނިސްބަތްވާ އެ ދެ ބޭފުޅުންނަކީ ވަރަށް އެކުވެރި ދެ ބޭފުޅުންނެވެ.

އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުރު ކުރަމުން ގެންދަނީ ސައްހަ އޯޑިއޯއެއް ނޫން ކަމަށެވެ.

"އަބުރުކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކަކުން މި އަޒުމެއް ނުގުޑާނެ އަދި ހިތްވަރު ވެސް ބައްޔެއް ނުކުރެވޭނެ. ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ، އިންޝާﷲ." އަލީ ވަހީދު ވިދާޅުވި އެވެ.

ދައުރުވަމުންދާ އޯޑިއޯގައި ވާހަކަ ދައްކާފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. އަދި ރާއްޖެއަށް ތާމަލް ކެމެރާ އާއި މާސްކް ގެނެސްފައި ވަނީ ތިމަންނާ ކަމަށް އޯޑިއޯގައި ވާހަަކަ ދައްކާ މީހާ ބުނެ އެވެ.

އަދި ވަޒީރެއްގެ ނަން ވިދާޅުވެ ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައެވެ. މީގެ އިތުުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް އަމާޒުކޮށް ވެސް ފާޑުކިޔާ އަޑު އިވެއެވެ.