ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފިޔަވަޅުތައް އަޅަނީ މާހިރުންގެ ލަފާ ހޯދައިގެން: މިނިސްޓަރު

ކޮރޯނާ ވައިރަސް ފެތުރުނަ ނުދިޔުމަށް ރާއްޖެއިން އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންގެ ސަލާމަތަށާއި ރާއްޖޭގެ އިގްތިސޯދަށް ރިއާޔަތް ކުރުމަށްފަހު ކަމާ ގުޅޭ ތަޖުރިބާކާރުންގެ މަޝްވަރާގެ މަތިން އަޅާ ފިޔަވަޅުތަކެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން އަޅާ ފިޔަވަޅުތަކާއެކު، އިގްތިސޯދު ފުނޑިގެންދާނެ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. ރާއްޖެއިން ވަނީ ޓޫރިޒަމްގެ އެންމެ ބޮޑު ދެ މާކެޓް ކަމަށްވާ ޗައިނާ އާއި އިޓަލީއިން މީހުން އެތެރެވުން މަނާކޮށްފަ އެވެ. ޖާބިރު ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފަ އެވެ.

އޭގެ ފަހުން ހެލްތް މިނިސްޓަރު އަމީން މަޖިލީހަށް ކޮރޯނާ ވައިރަހާ ގުޅޭ ގޮތުން އަޅާ ފިޔަވަޅުތަކާ ގުޅޭ ބަޔާނެއް މަޖިލީހަށް ދެއްވާފަ އެވެ. ބަޔާން ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސް ޗައިނާއިން ފެނި އެ ފެތުރެން ފެށުމާއެކު އެންމެ ފުރަތަމަ ތައްޔާރުވާން ފެށި އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އެ މަސައްކަތުގެ ސަބަބުން ރާއްޖެއަށް މި ވައިރަސް ފެތެރުން ލަސްވެގެން ދިޔަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތުގެ އަސާސްއަކަށް ވެގެން ދިޔައީ ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް ރައްކާތެރިކަމުގެ ފިޔަަވަޅު އެޅުން، ދެން އަޅުގަނޑުމެންގެ އިގްތިސޯދަށް އަންނަ ބަދަލުތައް ދުރު މުސްތަގުބަލަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ސަރުކާރުން ހުރިހާ ފިޔަވަޅުތަކެއް ވެެސް އަޅަމުން ދިޔައީ ތަޖުރިބާކާރު މީހުންގެ އިރުޝާދުގެ މަތިންނެވެ. އެގޮތުން ސިއްހީ ދާއިރާގެ ބޭފުޅުންނާއި އިގްތިސޯދީ ދާއިރާގެ ބޭފުޅުންގެ މަޝްވަރާ ހޯދައްވާ ކަމަށެވެ. އިގްތިސޯދާ ގުޅޭ ފިޔަވަޅުތައް އެޅުމުގައި އެމްއެމްއޭ އާއި ފިނޭންސް އަދި އިކޮނޮމިކް މިނިސްޓްރީގެ ވެސް ދައުރު އޮންނާނެ ކަމަށެވެ.

މިނިސްޓަރު ދެއްވި ތަފާސް ހިސާބު

  • 2233 މީހުން ކޯލް ސެންޓަރަށް ގުޅައި މައުލޫމާތު ހޯދި (ފެބުރުއަރީ އެއްވަނަ ދުވަހުން ފެށިގެން)
  • ފެބުރުއަރީ އެއްވަނަ ދުވަހު އެކަނި 700 އަށްވުރެ ގިނަ މީހުން މައުލޫމާތު ހޯދި
  • 204،740 މީހުން ވަނީ އެކި ޕޯޓްތަކުގައި ސްކްރީން ކޮށްފަ
  • 717 މީހުންއާ ވަކިން ސުވާލުކޮށް ސްކްރީން ކުރި
  • 37 މީހަކު ރާއްޖެ އެތެރެވިޔަނުދީ ފޮނުވާލި
  • 81،000 މީހުންނަށް ހޭލުންތެރިކަމުގެ މައުލޫމާތު ދިން

މިނިސްޓަރު އަމީން ވަނީ ރާއްޖެ ކޮރޯނާ ވައިރަހަށް ތައްޔާރުވުމަށާއި އޭގެ އަލާމާތްތައް ފެނުމުން އަމަލު ކުރި ގޮތް ވަރަށް ތަފްސީލްކޮށް މިއަދު ކިޔައިދެއްވާފަ އެވެ. ރާއްޖޭގައި ފިޔަވަޅުތައް އަޅަމުން ދަނިކޮށް ކޮރޯނާ ވައިރަސް ފެނިފައިވަނީ އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފަކަށް ވައިރަސް ފެތުރިގެންނެވެ. އޭގެ ފަހުން ރާއްޖޭގެ އެލާޓް ޔެލޯއަށް ބަދަލުކުރި އެވެ.

ރޭ އިތުރު ދެ މީހަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީގެ ދެ ޓޫރިސްޓެކެވެ. އިޓަލީ ޓޫރިސްޓަކު، ކުރެއްދޫގައި ޗުއްޓީ ހޭދަކޮށް ދިޔަ ފަހުން އޭނާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާތީ އިޓަލީއިން މީހުން އައުން ވެސް ރާއްޖެއިން މަނާ ކުރި އެވެ. އިޓަލީގެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާރު ބަންދު ކޮށްފައިވާ ކުރެއްދޫ އަދި ބަތަލާ ރިސޯޓްގައި ވެސް އިޓަލީ މީހުން އެބަ ތިއްބެވެ.

މިއަދު މަޖިލިސްގައި ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ބަޔާން ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އެންމެ އިސްކަމެއް ދިން އެއް ކަމަކީ އާންމުން މިކަމަށް ހޭލުންތެރިކުރުން ކަމަށެވެ. އެގޮތުގެ މަތިން 81،000 އަށްވުރެ ގިނަ މީހުންނަށް ސީދާ މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި، ސިއްހީ ހިދުމަތްތެރިންނަށް ކަމާ ގުޅޭ ތަމްރީނުތައް ދެވިފައިވާ ކަމަށެވެ.

"މި ބަލި ކޮންޓެއިން ކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ގަބޫލު ކުރަން، މިހާރު ޕޮޒިޓިވްވެފައިވާ ހަތަރު ކޭސްގެ ކޮންޓެކްޓް ޓްރޭސިން ރަނގަޅަށް އަޅުގަނޑުމެންނަށް ކުރެވިއްޖެނަމަ ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ ކަމަށްވާނަމަ އެ ފުރުސަތު އަޅުގަނޑުމެންނަށް އަދިވެސް އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަހަކީ ފެތުރުން އަވަސް ބައްޔެއް ކަމަށާއި ބައެއް ގައުމުތަކުގައި ބަލި ފެތުރެމުންދާ މިންވަރަށް ބަލާއިރު އަލާމާތްތައް ވެސް ނުފެނި ބަލި ފެތުރެމުންދާ ކަމަށެވެ. ރާއްޖެ މިކަމުގައި ކުރިއަށް ދަނީ ޑަބްލިއުއެޗްއޯގެ ފުރިހަމަ އިރުޝާދާއި ލަފައާއެކު ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.