ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވައިރަހާ ގުޅިގެން ޓޫރިސްޓުންނަށް އެހީވާން ހާއްސަ ފިޔަވަޅުތަކެއް

Jan 30, 2020

ޗައިނާއިން އުފަންވެގެން މުޅި ދުނިޔެއަށް ނުރައްކަލާ ކުރިމަތިވެފައިވާ އާ ކޮރޯނާ ވައިރަހާ ގުޅިގެން، ރާއްޖޭގައި ތިބި ފަތުރުވެރިންނަށް އެހީވާން، ޓޫރިޒަމް މިނިސްޓްރީން ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ވައިރަހާ ގުޅިގެން ސަރުކާރުންދަނީ ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށެވެ. އަދި ޗައިނާއިން ރާއްޖެއަށް އަންނަ ސީދާ ފްލައިޓުތައް މިއަދުން ފެށިގެން މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި، އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް ދިރާސާ ކުރަމުންކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން، މި ހާލަތުގައި ރާއްޖޭގެ ޓޫރިޒަމަށް އަންނަމުންދާ ހާލަތު ދިރާސާކުރުމަށް މިނިސްޓްރީގައި ހާއްސަ ޔުނިޓެއް ގާއިމުކުރެވި، އެ ދާއިރާގެ މަސްލަހަތުވެރިންނާއެކު ދުރާލާ ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، މިރެއިން ފެށިގެން، ރާއްޖެ އަންނަ އަދި ފުރާ ފަތުރުވެރިންނަށް އެހީތެރިވެދިނުމުގެ ގޮތުން ވެލާނާ އެއާޕޯޓުގައި މިނިސްޓްރީގެ ހެލްޕް ޑެސްކެއް ގާއިމުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީ އާއި ހެލުތު މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތުގައި، މިވަގުތު ރާއްޖޭގައި ތިބި ފަތުރުވެރިން އަނބުރާ ދިޔުމަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޗައިނާއިން އަންނަ ޑައިރެކްޓް ފްލައިޓުތައް މެދުކަނޑާލުމުގެ އިތުރުން، މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، ރާއްޖޭން ބޭރަށް ދަތުރުނުކުރުމަށް ސަރުކާރުން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.

ޗައިނާގެ ހުރިހާ ސަރަހައްދަކުން މިހާރު ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 170 އަށް ވަނީ އަރާފަ އެވެ.

އަދި މިހާތަނަށް 7،711 މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އެ ވައިރަސް ޖެހިފައިވާ މީހުން ވަނީ ތަފާތު 16 ގައުމަކުން ފެނިފަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި ސްރީލަންކާގެ އިތުރުން އިންޑިއާވެސް ހިމެނެ އެވެ.