ކޮރޯނާ ވައިރަސް އަށް ސްކްރީން ކުރުމުގެ ގޮތުން، އިތުރު ހަ ތާމަލް ކެމެރާތައް ގެންނަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ޗައިނާއިން ފެތުރުނު، ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެ ވެދާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ސްކްރީން ކުރަން ފަށާފަ އެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު، އަމީން ވިދާޅުވީ މިހާރު ޓެސްޓު ކުރަމުން ގެންދަނީ އެންމެ ކެމެރާ އަކުން ކަމުގައި ވިޔަސް ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު ހަ ތާމަލް ކެމެރާ ގެނެސް ރާއްޖެ އެތެރެވާ މީހުންގެ ޓެސްޓުތައް ކުރާނެ ކަމަށެވެ.
އެއާޕޯޓުގެ އިތުރުން ރާއްޖޭގެ ޕޯޓުތަކާއި ހުރިހާ އެންޓްރީ ޕޮއިންޓުތަކުންވެސް ސްކްރީން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އައްޑޫ ސިޓީ އެއާޕޯޓުގައިވެސް މި ޓެސްޓުތައް ކުރަން ހަމަޖެހިފައިވާ ކަން ފާހަގަ ކުރެއްވި އެވެ.
އިތުރަށް ވިދާޅުވީ، މި ވައިރަސް އަށް ސަސްޕެކްޓު ކުރެވޭ މީހަކު ފެނި އައިސޮލޭޓް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންކަމަށް ތައްޔާރު ވުމަށް ކަމާ ގުޅުންހުރި އިދާރާތައް އެކުގައި އިންތިޒާމް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އައިސޮލޭޝަން ފެސިލިޓީތައް މިހާރު ހުރީ ކަނޑައެޅިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާދަމާ ހެނދުނުން ފެށިގެން އެއާޕޯޓުގައި އައިސޮލޭޝަން އޭރިއާއެއް ފާހަގަކޮށް އެ އައިސޮލޭޝަންގެ ތެރޭ ކަންކަން ކުރަން ޖެހޭ އިންތިޒާމްތައް މިހާރު ވަނީ ހަމަޖެހިފަ" މިނިސްޓަރު ވިދާޅުވި އެވެ.
މި ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ކަމުގައި ވާނަމަ، ހޮސްޕިޓާތަކުން ރާއްޖޭން ބޭރަށް ފޮނުވައިގެން ޓެސްޓުތައް ހެދުމަށްވެސް ނިންމާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ގައިން ގަޔަށް އަރާ މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 440 އަށް އަރާފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އެ ވައިރަސް ޖެހިފައިވާ މީހުން، އެމެރިކާ، ޓައިވާން، ތައިލަންޑް، ޖަޕާނު އަދި ދެކުނު ކޮރެއާ އިން މިހާރު ފެނިވައިފާއިރު، ބައިނަލްއަގުވާމީ ހެލްތު އެމަޖަންސީއެއްގެ އިއުލާނުކުރުމާމެދު ގޮތެއް ނިންމުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ކުއްލި ބައްދަލުވުމެއްވެސް މިއަދު ވަނީ ތާވަލުކޮށްފަ އެވެ.