ޑރ. މުހައްމަދު މުއިއްޒު

ބަލިމީހާ ތައިލެންޑަށް ގެންދަން ޖެހުނަސް އެކަން ކުރާނަން: ރައީސް

ބަލިމީހަކު ކުއްލި ހާލަތުގައި ތައިލެންޑަށް ގެންދަންޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާތަކަށް ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ބަލި މީހުން އުފުލަން އެއާ އެމްބިއުލާންސް މާޗް ފުރަތަމަ ދުވަހު އުދުހެން ފަށާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާނީ ހެލިކޮޕްޓަރު އަދި ޑޯނިއާއެއް ނޫނެވެ.

"ހެލިކޮޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން، ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލުކުރުމުގެ މަސައްކަތް އެވަނީ ފެށިފަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ފައިދާތަކެއް ކުރާނެކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

"އެއިން އެތައް ފައިދާއެއް އެބަވޭ. އެންމެ އުތުރުން، ނޫނީ އެންމެ ދެކުނުން މާލެއަށް ކުޑައިރުކޮޅަކުން އާދެވުމުގެ އިތުރަށް، ކުއްލިއަކަށް ރާއްޖެއިން ބޭރަށް ތައިލެންޑާ ހަމަޔަށް ގެންދަންވިޔަސް، އެ ޑޭޝް 8 ގައި ދާނެ. އެއަރ އެމްބިއުލެންސްގައި ދާނީ،" ރައީސް ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް މިއަހަރުގެ މާޗް މަހު ރަސްމީކޮށް ފެށުމަށް ރައީސް މުއިއްޒު ނިންމެވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފައަށް ބެއްލެވުމަށްފަހު އެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.