ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާކުރުމަށް ގޮވަލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލަން މިއަދު ފާސްކޮށްފި އެވެ.
ޖާބިރު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަރާރު ބަލައިގަންނަން އަށް މެންބަރަކު ވޯޓު ދެއްވި އެވެ.
ޖާބިރުގެ ގަރާރުގައި ބުނެފައި ވަނީ ރާއްޖެއަކީ އިސްލާމީ ދައުލަތަކަށްވާތީ ދީނުގައި މަނާކޮށްފައިވާ އެއްވެސް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ހުއްދަ ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އެ ގޮތުން ވިޔަފާރީގެ ނަމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމަކީ އެއްވެސް ސަރުކާރަކަށް ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރުމަސް އެތެރުކޮށް ވިއްކަން ދީފައިވާ ހުއްދަތައް ވަގުތުން ބާތިލުކޮށް، ދީނުގައި ހަރާންކޮށްފައިވާ އެތަކެތި އެއީ ރާއްޖޭގައި ވިއްކުން މަނާ ތަކެތީގެ ގޮތުގައި ކަނޑައެޅުމަށް ޖާބިރުގެ ގަރާރުގައި ގޮވާލާފައިވެ އެވެ.
ޖާބިރުގެ ގަރާރަށް ބަހުސް ކުރައްވަން ހުޅުވާލި ފުރުސަތުގައި ވާހަކަ ދެއްކެވީ ވެސް އެންމެ ދެ މެންބަރުންނެވެ. އެއީ ޖާބިރުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރެވެ. އިތުރު އެއްވެސް މެންބަރަކު ގަރާރަށް ބަހުސް ކުރައްވަން ވާހަކަ ވެސް ނުދައްކަވަ އެވެ.