އަބްދުﷲ ޖާބިރު

ރަލާއި އޫރު މަސް ވިއްކާ މައްސަލަ މަޖިލީހުން ދިރާސާކުރަން ޖެހޭ: ޖާބިރު

ބަނގުރަލާއި އޫރު މަސް ރާއްޖެއަށް އެތެރެކޮށް ވިޔަފާރި ކުރަން ޖެހޭ ހާލަތެއް އޮތްތޯ ބަލައި ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ގެންގޮސް އެ މަސައްކަތް ކުރަން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާކުރުމަށް ގޮވަލައި ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެ ގަރާރުގައި ވަނީ، ބަނގުރަލާއި އޫރު މަސް އެތެރެކޮށް ވިއްކަން ދީފައިވާ ހުއްދަތައް ވަގުތުން ބާތިލުކޮށް، އެ ތަކެތި އެއީ ރާއްޖޭގައި ވިއްކުން މަނާ ތަކެތީގެ ގޮތުގައި ކަނޑައެޅުމަށެވެ.

ޖާބިރު ހުށަހެޅުއްވި އެ ގަރާރާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތެއް ކަމަށާއި ގާނޫނުތަކާއި ގަވާއިދުތައް ހަދަން ޖެހޭނީ އިސްލާމް ދީނާ ހިލާފު ނުވާ ގޮތުގެ މަތީން ކަމަށް ގަނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ކުރެވޭ އެއްވެސް ވިޔަފާރިއަކީ އިސްލާމް ދީނާ ހިލާފު ވިޔަފާރިއެއްނަމަ ގަނޫނެއްގެ ދަށުން ހުއްދަ ދިނަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުތަކާއި ގަވާއިދުތައް ހަދަން ޖެހޭނީ އިސްލާމް ދީނަށް ފުށު ނާރާ ގޮތަށް. މި މަޖިލީހަށް އިސްލާމް ދީނާ ހިލާފު އެއްވެސް ކަމެއްގައި ވޯޓަކަށް ވެސް ނޭހޭނެ. އިސްލާމް ދީނާ ހިލާފު ކަމަކަށް ވާހަކަ ވެސް ނުދެއްކޭނެ. އިސްލާމް ދީނާ ހިލާފު ކަމަކަށް މި މަޖިލީހުގެ މެންބަރުންގެ ގޮނޑި ވެސް ގެއްލެން ޖެހޭނެ. އެ ގޮތަށް ގާނޫނެއް ނުވެސް ހެދޭނެ. ބާތިލު ގާނޫނަކަށް އެ ވާނީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އޭނާ ހުށަހެޅުއްވި ގަރާރު ބަލައިގަނެ ގަރާރުގައި ހިމެނޭ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ. ރާއްޖެއަށް ބަނގުރަލާއި އޫރު މަސް އިމްޕޯޓް ކުރަން ޖެހޭ ކަހަލަ މަޖުބޫރީ ހާލަތެއް އޮތްތޯ މަޖިލީހުން ދިރާސާކުރަން ޖެހޭ ކަމަށާއި، ކަމާ ގުޅުން ހުރި މިނިސްޓްރީތަކުން އެ ކަމުގައި ބަހެއް ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރާއްޖޭގައި ބަނގުރަލާއި އޫރު މަސް އިމްޕޯޓް ނުކޮށްފިނަމަ ވާނެ ގޮތް ކޮމިޓީއަކަށް ގެންގޮސް ބަލާ. މި ރާއްޖެއަށް ބަނގުރަލާއި އޫރުމަސް އެތެރެކުރަނީ ކީއްވެގެެންތޯ. އެކަހަލަ ކަމެއް ކުރަން ޖެހިގެން މިއުޅެނީ ކީއްވެގެންތޯ. މި ކަންކަން ކޮމިޓީ މަރުހަލާގައި ދިރާސާ ކުރަން ޖެހޭ. ރީރެގިއުލޭޓް ކުރަން ޖެހޭ،" ޖާބިރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަށްވުރެ ޒިންމާދާރު ވާން ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. އެހެން ބައެއް މައްސަލަތައް ދިރާސާކުރާ ފަދައިން ބަނގުރަލާއި އޫރު މަސް ވިއްކާ މައްސަލަ ވެސް މަޖިލީހުން ދިރާސާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާބިރު ވަނީ ބައެއް ތަންތަނުގައި ބަނގުރަލާއި އޫރު މަސް ވިއްކުމުގެ ހުއްދަ އޮންނައިރު ބައެއް ތަންތަނުގައި ވިއްކުމުގެ ހުއްދަ ނޯންނާތީ އެ ކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި ރިސޯޓުތަކުގައި ބަނގުރަލާއި އޫރު މަސް ވިއްކުމުގެ ހުއްދަ ދޫކޮށްފައިވާއިރު، ކެސީނޯ ހިންގުމުގެ ހުއްދަ ދޫނުކުރާތީ ޖާބިރު ވަނީ މިއަދު ވެސް އެ ކަމަށް ފާޑުވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް އެ މައްސަލާގައި ޖާބިރު ވަނީ މަޖިލީހުގައި ފާޑުވިދާޅުވެ ނުރުހުން ފާޅުކުރައްވާފަ އެވެ.