ހަބަރު

ރަލާއި އޫރު މަސް މަނާކުރަން ޖާބިރުގެ ގަރާރެއް މަޖިލީހަށް

Jul 15, 2019
20

ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާކުރުމަށް ގޮވަލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވީ ހިނދު، ދީނުގައި ހަރާންކޮށްފައިވާ އެއްވެސް ކަމެއް ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ކުރުމަށް ހުއްދަ ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ 40 އަހަރު ތާރީހުގައި ވިޔަފާރީގެ ނަމުގައި އެ ސިނާއަތުގައި ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމަކީ އެއްވެސް ސަރުކާރަކަށް ހުއްދަ ނުކުރެވޭނެ ކަމެއް ކަމުގައި ޖާބިރު ވަނީ ފާހަގަކުރައްވައިފަ އެވެ.

އެގޮތުން، އެ ގަރާރުގައި ގޮވާލާފައިވަނީ ބަނގުރަލާއި އޫރުމަސް އެތެރުކޮށް ވިއްކަން ދީފައިވާ ހުއްދަތައް ވަގުތުން ބާތިލުކޮށް، ދީނުގައި ހަރާންކޮށްފައިވާ އެތަކެތި އެއީ ރާއްޖޭގައި ވިއްކުން މަނާ ތަކެތީގެ ގޮތުގައި ކަނޑައެޅުމަށެވެ.

އެ ގަރާރު ޖާބިރު ހުށަހަޅުއްވާފައިވަނީ ރާއްޖޭގައި ކެސީނޯ އެޅުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާ ގުޅިގެން އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައިވަނި ކޮށެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އަލީ ވަހީދު ހާޒިރުކޮށްފައިވާއިރު، ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ރާއްޖޭއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި މިއަދުގެ ސަރުކާރުން ރާއްޖޭގައި ކެސިނޯ ނާޅާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ލީޑާޝިޕްގައި ކެސިނޯ އެޅުމަށް ވިސްނާފައެއް ނެތް، ރާއްޖޭގެ ފަތުވެރިކަން އަޅުގަނޑުމެން ގެންދާނީ މާތްވެގެންދާ އިސްލާމް ދީނުގެ ހުރިހާ ރުކުންތަކާއި ސިފަތައް ހިމާޔަތްވާ ގޮތުގެ މަތިން، އެހެން ވީމާ މިވަގުތު ތި ސުވާލުގެ ޖަވާބަކީ ނޫނެކޭ،" ކެސިނޯ ރާއްޖޭގައި ނޭޅެންވީ ކީއްވެގެންތޯ ޖާބިރު ތަކުރާރުކޮށް ސުވާލުކުރެއްވުމުން އަލީ ވަހީދު ވިދާޅުވި އެވެ.

އެކަމުގެ ރައްދުގައި ޖާބިރު ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ބަނގުރަލާއި އޫރު މަސް އިސްލާމް ދީނުގައި ހަރާމް އެއްޗަކަށްވާއިރު، ރިސޯޓުތަކުގައި އެ އެއްޗެހި ވިއްކަނީ ކީއްވެގެންތޯ އައްސަވައިފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އަލީ ވަހީދު ވިދާޅުވަނީ ރިސޯޓުތަކުގައި ބަނގުރަލާއި އޫރު މަސް ވިއްކަނީ ގާނޫނުތަކުން އެކަން ކުރުމަށް ތަންދޭތީ ކަމަށެވެ.

"މިވަގުތު ފަތުރުވެރިކަން ކުރިއެރުވުމަށް މަޖިލީހުން [ފާސްކުރި] ގާނޫނުގެ ތެރެއިން އެ ފުރުސަތު އޮތީމަ އެކަން ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، އެ ޖަވާބާމެދު ހިތްހަމަނުޖެހިވަޑައިގެން ޖާބިރު ވަނީ ކޮޅަށް ތެދުވެވަޑައިގެން ނުރުހުން ފާޅުކުރައްވަމުން ވަރަށް ބޮޑަށް އަޑުގަދަކުރެއްވައިފަ އެވެ. އަދި އިސްލާމް ދީނުގައި ހަރާންކޮށްފައިވާ ބަނގުރަލާއި އޫރު މަސް ވިއްކާ ސަރުކާރެއް ކަމަށް ބުނެ އަޑުގަދަކުރައްވަމުން، ކޮމިޓީން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެ ޖާބިރު ވަނީ ކޮމިޓީ ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.