ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް އެ މިނިސްޓްރީން ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓްގައި ބުނެފައި ވާތީ އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ޓްރަސްޓް ފަންޑުން ކޮވިޑް-19 އާ ގުޅޭ ކަންކަމަށް ހަަރަދު ކުރަން ބަޖެޓެއް ކަނޑައެޅުމުގެ ކުރިން މުއާމަލާތްތައް ވެސް ހިންގާފައިވާ ކަމަށެވެ.
އެގޮތުން ވަކިވަކި ކަންކަމަށް ހަރަދު ކުރާނެ ފައިސާ އަދަދު ކޮމެޓީން ފާސް ކޮށްފައި ނުވާ ކަމަށް ބުނެފައި ވެއެވެ. ކޮވިޑްގެ ތެރޭގައި އެ މިނިސްޓްރީން އެކި ކަންކަމަށް 26،212،727 ރުފިޔާ ހަރަދު ކޮށްފައި ވެއެވެ.
ގޯސްތަކުގެ ތެރޭ ރާއްޖޭގެ ބައިނަލްއަގްވާމީ އެއާޕޯޓްތަކުގައި ތާމަލް އިމޭޖިން ކެމެރާ ބެއްޓުމާ ގުޅޭ މަޝްރޫއުގެ ތެރެއިން ހަދާފައިވާ ބޮޑެތި ގޯސްތައް ވަނީ ހިމަނާފަ އެވެ.
ކޮވިޑްގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރު އެކި އެއާޕޯޓްތަކުގައި ޖުމްލަ ހަތް ކެމެރާ ހަަރުކޮށްފައިޗވެއެވެ. އެ މަސައްކަތަށް 2،361،340 ރުފިޔާ ވަނީ ހަރަދުޗކޮށްފަޗއެވެ. އޮޑިޓްގައި ބުނެފައިޗވަނީ މަސައްކަތް ހަވާލުޗކުރުމުގައި އަމަލުޗކުރުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންޗކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިޗނުވާ ކަމަށެވެ. އަދި ދެ އެއާޕޯޓެއްގެ އެސެސްމަންޓެއް ހެދުމުގެ ނަމުގައި ބޮޑު ހޭދައެއްވެސް ކޮށްފައިވާ ކަމަށެވެ. އެގޮތުން ލަފާދޭނެ ދެ މީހަކު ގެނެސް އެ މީހުންގެ ކޮންސަލްޓަންސީ ފީގެ ގޮތުގައި 50،000 ޑޮލަރު ނުވަތަ 771،000 ރުފިޔާ އެ ދެ މީހުން ނިސްބަތްވާ ކުންފުންޏަށް ދައްކާފައިވާ ކަމަށާ އަދި މި ހަރަދާގުޅޭ ވިތްހޯލްޑިން ޓެކުގެ ގޮތުގައި 85،666 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
އަދި ކަނޑައެޅިފައިވާ އުސޫލިތަކާއި ހިލާފަށް މަސައްކަތް ހަވާލުކޮށްފައިވާއިރު ކަން ހިނގާފައިވާ ގޮތް ނޫން މަންޒަރެއް ލިޔެކިޔުންތަކުން ދައްކަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ޓޫރިޒަމްގެ އޮޑިޓްގައި ބުނެއެވެ. މީގެ އިތުރުން އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ކަންކަން ފުރިހަމަނުވުމާއި އެއްބަސްވުމުގައި ބޭނުންކޮށްފައިވާ އަގަށްވުރެ އިތުރަށް ފައިސާވެސް ދައްކާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެ ނޫންވެސް ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.
"ކަންދިމާކުރި ގޮތުން ހަވާލުވި ހަފްތާގައި އޮޑިޓް ރިޕޯޓް މިއައީ. އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން. އަޅުގަނޑު ވަރަށް އުފާކުރަން ރާއްޖޭގައި މިހާރު އެބައޮތް ނިޒާމު ގާއިމުކުރެވިފައި. ކޮންމެ ތަނެއްގައިވެސް ހުންނަ މީހާ އަބަދު އިހުލާސްތެރިނުވެދާނޭ. އެހެންވީމަ އިހުލާސްތެރި ނޫން މީހަކު ހުންނަ ވަގުތެއްގައި މިކަންތައް ބެލޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އެބަހުރި،"
މައުސޫމް ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ރަނގަޅު ކުރަން އަންގާފައިވާ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އެންގުންތަކެއް އަންގާފައިވާ ކަމަށާ އެ އެންގުންތަކާއި އެއްގޮތަށް ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި އޮޑިޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި ގުޅިގެން ކަމާގުޅުންހުރި މުއައްސަސާތަކާއި މިހާރު ބައްދަލުކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީއަކީ ރައްޔިތުން ވަރަށް އިތުބާރު ކުރާ ސާފު މިނިސްޓްރީއަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ މުސްތަގުބަލުގައިވެސް މީހުން މިހެން ވާހަކަ ދައްކާލާއިރުވެސް، ތުންތުންމަތިން ހޮޅާގައިވެސް ޖޯލިފަތީގައިވެސް ކޮފީ ޓޭބަލްވެސް، ނާނާ ޓޫރިޒަމް މިނިސްޓްރީގެ ނަން ބަދަލުކޮށްލައިފިޔޭ މީހުން ބުނުން. ޓޫރިޒަމް މިނިސްޓްރީއަކީ ސާފު މީހުން އިތުބާރު ކުރާ މިނިސްޓްރީއަކަށް ހެދުން. އެ މަގުން މިހާރުވެސް އޮޑިޓް ރިޕޯޓާއި ގުޅިގެންވެސް ފިޔަވަޅުތަކެއް މިދަނީ އަޅަމުން،"
މައުސޫމް ވިދާޅުވީ މިނިސްޓްރީތަކުގެ މުވައްޒިފުންގެ އަމަލުތައް ބައްޓަންވަނީ އެ ތަނެއްގައި އޮންނަ ކަލްޗާއަކާއި އެއްގޮތަށް ކަމަށާ ކަންކަން ރަނގަޅަށް ހިންގަވާނަމަ މުވައްޒިފުންގެ ފަރާތުންވެސް ފެންނާނީ ރަނގަޅު ކަންކަން ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގައި ހުރި ބައެއް މައްސަލަތައް ހައްލު ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށާ އެކަންކަން ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޓޫރިޒަމް ފެންނާނީ ނަމޫނާ މިނިސްޓްރީއެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.