މަސްތުވާތަކެތި

ޕޯސްޓުން ގެނައި ޑްރަގުތަކެއް އަތުލައިފި

Jul 25, 2019

ޕޯސްޓް މެދުވެރިކޮށް ދެ ފަހަރެއްގެ މަތިން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް ނޫސްތަކަށް ފޮނުވި މައުލޫމާތު ކަރުދާހެއްގައިވާ ގޮތުގައި އަތުލައިގަނެފައި ވަނީ އިނގިރޭސި ވިލާތުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 66 ގްރާމްގެ ހިއްކާފައިވާ ކެނަބިސް ފަތުގެ އިތުރުން ސްވިޒލޭންޑުން އެތެރެ ކުރަން އުޅުނު 10 ގްރާމް އެމްޑީއެމެވެ.

އަދި އެ ކަރުދާހުގައިވާ ގޮތުން މި ތަކެތި އަތުލައިގަނެފައިވަނީ ޕޯސްޓުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އިއްޔެ އެވެ. މި ތަކެތީގެ ބަރުދަނުގައި 76 ގްރާމް ހުންނާނެ ކަމަށް ވެސް ބުނެފައި އެވެ.

އެ މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެ އެވެ.