މޯލްޑިވްސް ކަސްޓަމްސް ސާވިސް

މައުލޫމާތު ބަދަލު ކުރަން ކަސްޓަމްސް އާއި އިންޓަޕޯލް އެއްބަސްވެއްޖެ

ރާއްޖެއަށް މަސްތުވާތަކެއްޗާއި އޭނޫންވެސް މަނާ ތަކެތި އެތެރެ ކުރުން ހުއްޓުވުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމް ސާވިސް އާއި ދަ އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނިޒޭޝަން (އިންޓަޕޯލް) އާއި ދެމެދު މައުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން އެވެ. އިންޓަޕޯލް ނޭޝަން ސެންޓްރަލް ބިއުރޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެ ކުރުން މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމާއި، ރާއްޖޭގެ ބޯޑާ ސަރަހައްދުގައި ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ބޯޑާ ނިޒާމު އިތުރަށް ހަރުދަނާވެ، ކަސްޓަމާއި އިންޓަޕޯލްއާ ދެމެދު ފަސޭހައިން މައުލޫމާތު ހިއްސާ ކުރެވެން ވެސް ހުންނާނެ އެވެ.

އޭގެ އިތުރުން ކަސްޓަމްސްގެ މައްޗަށް ގާނޫނުން މަތިކޮށްފައިވާ ބައިނަލްއަގްވާމީ ވިޔަފާރިއާއި ދަތުރު ފަތުރުތަކަށް ރައްކާތެރި އަމާން މާހައުލެއް އެ އެއްބަސްވުމުގެ ސަބަބުން ގާއިމްވެގެންދާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ. އަދި އެއްބަސްވުމުގެ ކަސްޓަމްސް އިން ތަންފީޒު ކުރަން ޖެހޭ ގާނޫނާއި ގަވާއިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުވެ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ބޭރުކުރުން ހުއްޓުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވެސް ކަސްޓަސްއިން ބުންޏެވެ.