ރިޕޯޓް

26ގެ ފުޅަނދުތައް: ސަގާފީ ޒަމާނީ!

އަބަދުވެސް މިނިވަން ދުވަހަށް ހާއްސަކޮށް ކުންފުނިތަކުން ދުރާލާ ތައްޔާރުވާ އެންމެ ބޮޑު އެކައްޗަކީ މިނިވަން ދުވަހުގެ ފްލޯޓްތައް ނުވަތަ ފުޅަނދުބުރެވެ.

އެކި އެކި ތީމްތަކަށް ކޮންމެ ކުންފުންޏެއް ވެސް އެ ބައެއްގެ ހުނަރު ދައްކާލުމަށް މާލެ މަގުމައްޗަށް ނެރޭ ފުޅަނދަކީ އާންމު އެންމެން ހާއްސަކޮށް ކުޑަކުދިންގެ މެދުގައި މަގުބޫލު އެއްޗެކަށް ވެއެވެ. އެ ބޮޑު ހަރަދު ކުރަނީ ވެސް އެހެން ވެގެނެވެ.

މިނިވަން ކަމަށް 54 އަހަރު ފުރުމުގެ މުނާސަބަތަށް މި ފަހަރު ފަސް ކުންފުންޏަކުން ނުވަ ފުޅަނދެއް ނެރުނެވެ. މި ފުޅަނދުތަައް މަޖީދީ މަގުން ގެންގޮސް މުލީއާގެ ކަައިރިން ނިންމާލީ އެވެ. މުލިއާގެ އާ ހިސާބުން ފުޅަނދުތަކުގެ ތަފާތު ހަަރަކާތްތަކެއް ހާއްސަ ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ވެރިންނާއި އާއިލާތަކަށެވެ.

މި ފަހަރުުގެ ފުޅަނދު ބުރުގައި ބައިވެރިވީ ވެސް ސަރުކާރުގެ އެންމެ ބޮޑު ފަސް ކުންފުންޏެވެ. އެއީ ރާއްޖޭގެ މައި ގޭޓް، އެމްއޭސީއެލް އާއި ފެން ކުންފުންޏާއި ސްޓެލްކޯ އާއި އެމްޕީއެލް އަދި ދިވެހިންގެ ބޭންކެވެ. މި ފަސް ކުންފުނިން ފަރުމާކޮށް މަގުތަކަށް ދޫކޮށްލީ ތަފާތު ދެ ވައްތަރެއްގެ ތީމްތަކަށް ތައްޔާރު ކޮށްފައިވާ ފުޅަނދުތަކެކެވެ.

ޖަޒީރާވަންތަ ޒަމާނީ ކުލަތަކެއް

މި އަހަރު ނެރުނު ފުޅަނދުތަކަކީ ކާޓޫނުތަކާއި ޒަމާނީ ޑިޒައިންތަކުން ފުރިފައިވާ ފުޅަނދެކޭ ވެސް ނުބުނެވޭނެ އެވެ. އަދި މި ފުޅަނދުތަކަކީ ސަގާފީ ހެދުމާއި ދިވެހި ނެށުންތަކުން ނިންމާލި ފުޅަނދެކޭ ވެސް ނުބުނެވޭނެ އެވެ. މާލެ މަގުތަކަށް އެއްވެ ތިބި އެންމެންނަށް ދައްކާލީ ދެ ވައްތަރުގެ މިކްސް އެކެވެ. އެމްޑަބްލިއުއެސްސީ އިން ދުން އަރުވަމުން ދުއްވާލި "ވޯޓާ އެކްސްޕްރެސް" ރޭލުގައި ތިބީ ވޯޓާ ހީރޯސް އެވެ. ފެންކުންފުނީގެ މާސްކު އެޅި ވޯޓާ ހީރޯތަކާއި އަކުއަމޭންގެ އަސްލުކަން ކުޑަ ކުދިންނަށް ވަރަށް ކަމުދިޔަަ އެވެ.

ކާޓޫނު ކެރެކްޓާތައް މަގުމައްޗަށް ނެރުނު ދެވަނަ ބަޔަކީ ސްޓެލްކޯ އެވެ. ޓޯއި ސްޓޯރީ ކާޓޫނުގެ ކެރެކްޓާތައް މާލެ މަގުތަކުގައި ހިނގި އިރު ދެ ފަޅީގައި މަންޒަރު ބަލަން ތިބި ކުޑަކުދިން ފަހަރަކު މީހަކަށް ގޮވަމުން ދިޔަ އެވެ. ކެެރެކްޓާތަކާއެކު ފޮޓޯ ނެގުމާއި ސަލާން ކުރުމާއި "މިއީ ހަމަ އަސްލުވެސް ވުޑީ" ހޭ ވެސް އަހާލަ އެވެ.

ބަޒްލައިޓްއިޔާގެ ވެސް ތަފާތު ތިން ވައްތަރެއް އުޅުނެވެ. ވުޑީ އާއި ފޯކީ އަދި ޖެސީގެ އިތުރުން ބާބީ އާއި ކެން ވެސް ތިބީ ރިއަލް ލައިފް ވާޝަން އެއް ފެންނަ ކަހަލަ ގޮތަކަށެވެ.

ފައިސާ ފޮތިތައް އަޅާ ބަރުކޮށްގެން ދިޔަ ބީއެމްއެލްގެ ދިއްލާފައި އޮތް ބޮޑު ފޮށި މަޖީދީ މަގުން ދުއްވާފައި ގެންދިޔައީ ބޮކި އަރުވަމުންނެވެ. ޕޯޓްސް ކުންފުނިން ނެރުނު ބޯޓުން ފެންނަނީ މުދާ އުފުލަން މީގެ ކުރިން ދިވެހިން އުޅުނު ގޮތެވެ. އަދި ދިވެހި ސަގާފީ ހެދުންތަކުގައި ތިބި އެމްޕީއެލް ޒުވާން އަންހެނުންނާއި ފިރިހެނުންގެ ފަރި ނެށުންތަކަށް ހުއްޓުމެއް ނެތެވެ.

ފްލޯޓް ބުރުގައި ދެން ފެނުނީ އެއާޕޯޓުގެ ބޮޑު ފުޅަނދެވެ. ގިނަ ބަޔަކު ގަޔާވި މި ފުޅަނދަކީ މިކްސް އެކެވެ. ފުޅަނދު ފެށީ ކުރީގެ ރަސްރަސްކަލުން ދައްކުވައިދޭ ގޮތަށް ހެދުން އަޅާފައި ތިބި ގްރޫޕަކުންނެވެ. އެމީހުންނާއެކު ދެން ފެނުނީ އެއާޕޯޓަށް ޖައްސަން އުޅުނު ސްޕޭސް ޝިޕެކެވެ. ޝިޕް ފެނުމާއެކު މަގުމަތީ ތިބި ޒުވާން ކުދިން ގޮވަން ފެށީ "އޭރިއާ 51" އަށް ދާންވީ ދޯ" އޭ އެވެ. އަދި، އެއާޕޯޓަށް ޖައްސާފައި އޮތް އެއާބަސް އާއެކު ޓަވަރުގައި ޖައްސާފައި ހުރީ ދިވެހިވަންތަ ކުލަތަކެކެވެ.

ކުދިންގެ މޫނުމަތިން ހިނިތުންވުން

މިނިވަން ދުވަހު ކުންފުނިތަކުން އެއްބަޔަކު އަނެއް ބަޔަކާ ވާދަ ކޮށް ހުނަރު ދައްކާލި ފުޅަނދުބުރުތައް ބަލަން އިއްޔެ މާލޭ މަގުތައް ފުރާލި އިރު ކުޑަކުދިންގެ މޫނުމަތިން ފެނުނީ އުފާވެރި ކަަމެވެ. ދެ އަހަރަށްފަހު ބޭއްވި މި ހަރަކާތް ބަލާލި ކޮންމެ މީހަކަށްވެސް ފެނުނު މި މިކްސް ހަމަ ވަރަށް ކަމުދިޔަ އެވެ.