އެޗްޑީސީ

މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ބޮޑު ހަރަކާތެއް ހިންގައިފި

މިދުވަސްވަރު ޑެންގީ އިތުރުވަމުންދާތީ އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލުމަށް "ޑެންގީ އިޖާބަ"ގެ ނަމުގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

އެޗްޑީސީން މިއަދު ހެނދުނު މިހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލާ ހުޅުމާލެއަކީ ސާފްތާހިރު ތަނަކަށް ހެދުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

"ޑެންގީ އިޖާބަ" ފައްޓަވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ. އަދި މިހަރަކާތުގައި ހުޅުމާލޭގެ މަޖިލިސް މެންބަރު އަލީ ނިޔާޒުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އާތިފް ވަނީ ހުޅުމާލެއަކީ އަބަދުވެސް ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށްވެސް އެދިވަޑައިގެންފަ އެވެ.

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި މިއަދުގެ މި ހަރަކާތުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. ސާފު ކުރުމަށްޓަކައި ސްކޫލުތަކުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް މަސައްކަތް ކުރި އެވެ. އެގޮތުން ސްޓެލްކޯ، އެމްޕީއެލް އަދި އެމްޑަބްލިއުއެސްސީ ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ވަރަށް ގިނަ މީހުން ބައިވެރިވި މި ހަރަކާތުގައި ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ގިނަ ސަރަހައްދުތަކެއް މިއަދު ސާފު ކޮށްފައިވެ އެވެ. އެޗްޑީސީން ބުނީ ސާފު ކުރުމުގެ ހަރަކާތުގައި ބޮޑަށް އިސްކަން ދިނީ މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ސާފުކޮށް ނައްތާލުމަށް ކަމަށެވެ.

އެޗްޑީސީން ބުނީ ސާފް ކުރުމުގެ މި ހަރަކާތް އިތުރަށް ފުޅާކޮށް ގިނަގިނައިން ބޭއްވުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ސާފުކުރުމުގެ ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.