ހުޅުމާލެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޔުޓިލިޓީސް އޮފީހެއް ހުޅުވަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ޔުޓިލިޓީސް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުގައި ޔުޓިލިޓީސް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި އޮފީސް އިމާރާތުގައި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އާއި ވެމްކޯގެ އިތުރުން އެހެނިހެން ޔުޓިލިޓީ ކުންފުނިތަކުގެ މުވައްޒަފުން ތިބޭނެ އެވެ.

ޔުޓިލިޓީސް މައްސަލައެއް ދިމާވުމުން މާލެއަށް ނުވަތަ ފުރަތަމަ ފިޔަވައްސަށް އަންނަންޖެހޭ ޖެހުމާއި އެތަންތަނުން މުވައްޒަފުން ފޮނުވަންޖެހޭ ޖެހުމަށް ހައްލު އަންނާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

ސަރުކާރުން މިކަން ކުރަން ނިންމާފައިވަނީ ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ކަންކަމުގައި ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ. މިހާރު މައްސަލައެއް ދިމާވެއްޖެ ނަމަ ދާން ޖެހެނީ ފުރަތަމަ ފިޔަވަހީގައި ހުންނަ އެޗްޑީސީ އޮފީހަށް ނުވަތަ މާލެ އަށެވެ.

ހިޔާ ފްލެޓުތަކުގައި މިހާރު 30،000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާއިރު ވަރަށް ގިނަ މައްސަލަތަކަށް އަދިވެސް ހައްލެއް ނުލިބެ އެވެ.