ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް އަޅާފައި ހުންނަ ސަރަހައްދަށް އަޅާފައިވާ ކުނިތައް ނަގައި އެ ސަރަހައްދު ސާފުކޮށްފައިވާ ކަމަށް އެޗްޑީސީއިން ބުނެފި އެވެ.
ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގެ ކުނިތައް ނަގައި އެތަން ސާފު ކުރީ ހަފުތާއެއްގެ މަސައްކަތުން ކަމަށް ވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. އެ ކޯޕަރޭޝަނުން އިތުރަށް ބުނެފައި ދެން މަދުވެގެން ދުވާލަކު އެއް ފަހަރު އެ ސަރަހައްދު ސާފުކުރާނެ ކަމަށެވެ.
ހިޔާ ފްލެޓްތަކުގައި 200 އަށްވުރެ ގިނަ އާއިލާ މިހާރު ދިރި އުޅޭ އިރު އަދިވެސް ކުނީގެ މައްސަލައަށް ހައްލެއް ލިބިފައެއް ނުވެ އެވެ. ކުނި ޖަމާކޮށްފައި ހުންނަތާ ގިނަ ދުވަސްވެގެން ކުނި ކޮތަޅުތައް މުޅިތަނަށް ފަޅައިގެން ގޮސް އެތަން ވަރަށް ބޮޑަށް ހަޑިވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް ދާދިފަހުން އާންމުވި އެވެ.
އޭގެ ފަހުން އެޗްޑީސީން ވަނީ ޑަސްޓްބިކް ބަހައްޓާފަ އެވެ. ނަމަވެސް އެ ސަރަހައްދަށް ޖަމާވެފައިވާ ކުނި ފުންޏަށް ހައްލެއް ލިބިފައެއް ނުވެ އެވެ.
ވެމްކޯއިން ހިދުމަތް ފަށަންދެން ކުނީގެ ކަންކަން ބަލަހައްޓާނެ ކަމަށް އެޗްޑީސީއިން ކުރިން ވަނީ ބުނެފަ އެވެ. އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވެފައިވަނީ ހިޔާ ޓަވަރުތައް ހެދި އިރު ސާވިސް ލިފްޓެއް ގާއިމްކޮށްފައި ނެތް ކަމަށެވެ. ސާވިސް ލިފްޓެއް ނެތި ކުނި ނެގުމަކީ ކުރެވޭވަރުގެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ވެމްކޯއިން ކުނި ނަގަނީ އެންމެ ތިރިން ނަމަވެސް އެ މަސައްކަތް ފެށޭވަރު ވާނީ އަންނަ ނޮވެމްބަރު މަހުން ފެށިގެންނެވެ.