ރިޕޯޓް

ސަރުކާރު 26 ކުންފުނި: ހިސާބު ނިއުޅާލާއިރު ފެންނަ މަންޒަރު!

Feb 19, 2020
1

އިގްތިސާދެއް ކުރިއަރައިގެން ދާނީ ޕްރައިވެޓް ސެކްޓާ ނުވަތަ އަމިއްލަ ވިޔަފާރިތައް ބާރުވެރި ކުރުވައިގެންނެވެ. ސަރުކާރުން ވިޔަފާރި ކުރަން ނުޖެހެނީ އެހެންވެ އެވެ. ނަމަވެސް ރާއްޖެއަކީ އިގްތިސޯދުގެ ނިސްބަތުން ސަރުކާރު ކުންފުނިތައް އެންމެ ގިނަ އެއް ގައުމަށް ވާނެ އެވެ. ރާއްޖޭގެ ބަޖެޓު ފާސްކޮށް މުއައްސަސާތަކަށް ބަހާއިރު އެއިން ބައެއް ކުންފުނި ތަކަށް އަޅަން ޖެހެ އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދިވެހި ސަރުކާރު ހިއްސާވާ 26 ކުންފުނި ރާއްޖޭގައި ހިންގަ އެވެ. މި ކުންފުނިތަކުގެ މާލީ ހިސާބުތައް ނިއުޅާލައި، ރަނގަޅަށް ބަލާލާއިރު ފެންނަނީ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ ތަނެވެ. އަދި އިސްރާފު ގިނަވެ، ގިނަ ކުންފުނިތައް މާލީ ގޮތުން ވަޅުގަނޑެއްގެ ތެރޭގައި ތިބި ތަނެވެ.

އާމްދަނީ އިތުރުވީ ފަސް ކުންފުނި

ޕީސީބީގެ ކުންފުނިތަކުގެ މާލީ ރިޕޯޓުގައިވާ ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ނިޔަލަށް އާމްދަނީގެ ކުރިއެރުން ލިބިފައި ވަނީ އެންމެ ފަސް ކުންފުންޏަށެވެ. އާމްދަނީ އިތުރުވެފައި ވަނީ ދިރާގާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އަދި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުންޏެވެ. ސަރުކާރުގެ ހުރިހާ ކުންފުންޏެއްގެ ޖުމްލަ ސާފު ފައިސާ އެއްކޮށްލައިގެން ނުވަ ޕަސެންޓުގެ އިތުރުވީ ނަމަވެސް، ގިނަ ކުންފުނިތަކަށް ސާފު ފައިދާއެއް ލިބިފައެއް ނެތެވެ. ހުރިހާ ކުންފުންޏަކުން ސާފު ފައިދާގެ ގޮތުގައި ދައްކާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. މިއީ 2018 ވަނަ އަހަރުގެ ތިން ވަނަ ކްއާޓަރުގައި ލިބިފައިވާ 961 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ނުވަ ޕަސެންޓުގެ އިތުރު ވުމެކެވެ.

ބޮޑު ފައިދާ އެސްޓީއޯއަށް

މިއަހަރުގެ މިހާ ހިސާބަށް ދައްކާ ގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ސާފު ފައިދާއެއް ލިބިފައި ވަނީ އެސްޓީއޯ އަށެވެ. ޕީސީބީ އިން ވެސް ވަނީ އެކަން ފާހަގަ ކޮށްފަ އެވެ. އެސްޓީއޯ އިން ހަރަދުތައް ކުޑަކޮށް މިދިޔަ އަހަރުގެ ތިންވަނަ ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 47 މިލިއަން ރުފިޔާ 94 މިލިއަން ރުފިޔާއަށް ވަނީ އިތުރުކޮށްފަ އެވެ. މާނައަކީ އެ ކުންފުންޏަށް މިހާތަނަށް ލިބުނު ސާފު ފައިދާ 100 ޕަސެންޓަށްވުރެ މަތިވުމެވެ.

"މެނޭޖުމަންޓުން ގެނައި ބަދަލާއެކު، ފާހަގަ ކުރަން ޖެހޭ ވަރުގެ ކުރި އެރުމެއް އެސްޓީއޯ އިން ވަނީ ހޯދާފަ. އެސްޓީއޯ އިން ވަނީ 2018 ވަނަ އަހަރުގެ ތިންވަނަ ކްއާޓަރާ އަޅާ ބަލާއިރު ސާފު ފައިދާ 102 ޕަސެންޓް މަތިކޮށްފައި،" ޕީސީބީ އިން ބުނެފައިވެ އެވެ.

ވެމްކޯ އާއި އެޗްޑީސީއަށް ބޮޑު ގެއްލުން

ސަރުކާރުގެ ކުންފުނިތަކުގެ ތެރެ އިން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް ސެންޓަ ފޯ ޕަބްލިކް ފައިނޭންސް (އެމްސީއައިއެފް) އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން (އެމްއެޗްސީއެލް) ގެ އިތުރުން މި ސަރުކާރުން ބޯހިޔާވަހި ކަމަށް އުފެއްދި ކުންފުނި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަދި ނިމިދިޔަ ސަރުކާރުން މެދު ފަންތީގެ ޓޫރިޒަމް ތައާރަފު ކުރަން އުފެއްދި އެމްއައިޓީޑީސީ އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން (އެމްއެސްސީއެލް) އަދި ކުނި މެނޭޖު ކުރަން އުފެއްދި ކުންފުނި ވެމްކޯއަކީ ގެއްލުންވި ކުންފުނިތަކެވެ. ސާފު ފައިދާ އެންމެ ދަށްވީ ވެސް މި ކުންފުނި ތަކުގެ އެވެ.

ހުޅުމާލެ ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގާ އެޗްޑީސީ އަށް ތިންވަނަ ކްއާޓަރާ ހަމަ އަށް 79 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތި ލާން ޖެހިފައިވެ އެވެ. އަދި ކުނީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރާ ވެމްކޯ އަށް 2.1 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެ އެވެ. ވެމްކޯގެ ގެއްލުން ބޮޑުވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނީގެ މެއިންޓަނަންސް ހަރަދުތައް މަތިވެގެން ދިއުން ކަމަށް ޕީސީބީއިން ފާހަގަ ކޮށްފައިވެ އެވެ.

އެންމެ ދަރަނި ބޮޑީ އޭއައިއޭގައި

ސަރުކާރު ކުންފުނިތަކުގެ ތެރެ އިން ދަރަނި އެންމެ ބޮޑު އެއް ކުންފުންޏަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި ފެނަކަ ކޯޕަރޭޝަން އަދި އެޗްޑީސީގެ އިތުރުން އައިލެންޑް އޭވިއޭޝަން އާއި އެމްއޭސީއެލް އަދި ފެން ކުންފުނީގެ އިތުރުން އެމްޕީއެލް އަދި ޕީއެސްއެމްއާއި ސްޓެލްކޯ އެވެ. ޕީސީބީ އިން ބުނެފައިވާ ގޮތުގައި ދަރަނީގެ ސަބަބުން އޭއައިއޭ އަށް ވަނީ މައްސަލަތަކާ ކުރިމަތިވެފަ އެވެ. މިކަން ހައްލުވާނެ ގޮތަކީ އާއްޑޫގައި އަވަހަށް ގިނަ އެނދުތަކެއް އިތުރުކޮށް އެއާޕޯޓުގެ ހަރަކާތްތެރިކަން އިތުރު ކުރުމެވެ.