ދުނިޔެ

އެމެރިކާގައި ބަޑިން ހަމަލާދީ 11 މީހަކު ޒަހަމް ކޮށްލައިފި

އެމެރިކާގެ ނިއުޔޯކް ސިޓީގެ ބްރޫކްލީންގައި ހޮނިހިރު ދުވަހުގެ ރޭ ބަޑިން ހަމަލާދިނުމުގެ ސަބަބުން އެކަކު މަރުވެ 11 މީހަކު ޒަހަމްވެއްޖެ އެވެ.

ނިއުޔޯކް ސިޓީގެ ފުލުހުން ބުނީ ބަޑިން ހަމަލާދީފައި ވަނީ މަގުމަތީގައި ބޭއްވި ފުޑް އެކްޒަބިޝަނެއްގައި ކަމަށެވެ. އެ ހަމަލާ ދިން ވަގުތު އެކްޒަބިޝަންގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި 100 ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ބަޑީގެ އެ ހަމަލާގައި ޒަހަމްވި އެންމެން ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

އެމެރިކާގެ "ޔޫއެސް ޓޫޑޭ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަމަލާގައި މަރުވެފައިވަނީ 38 އަހަރުގެ މީހެކެވެ. އަދި ހަމަލާދީފައި ވަނީ ދެ މީހަކު ގުޅިގެނެވެ. ހަމަލާދިން މީހުން އާދީއްތަ ދުވަހުގެ ފަތިހު ބްރޫކްލިންގެ އިތުރު ސަރަހައްދަކުން ފެނިފައިވާތީ އެ ދެމީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.