ހޮލީވުޑް

ޓެރެންޓީނޯގެ އާ ފިލްމް ހިޓަކަށް

ކުއެންޓިން ޓެރެންޓީނޯގެ ފިލްމުތަކަކީ އަނިޔާވެރިކަމާއި ލޭ އޮހޮރުވުންތަކުގެ މަންޒަރުތައް އެންމެ ފުރިހަމައަށް ދައްކުވައިދޭ ފިިލްމުތަކެވެ. ވަޔަލެންސް ލޮލަށް ރީއްޗަށް ފުރިހަމައަށް ދައްކުވައިދޭ ފިލްމަކަށް އިންތިޒާރު ކުރާ މީހުންގެ މެދުގައި ޑައިރެކްޓަރު ޓެރެންޓީނޯ މަގުބޫލު ވެސް މެއެވެ.

ޓެރެންޓީނޯ މިދިޔަ ބުރާސްފަތި ދުވަަހު ނެރުނު ޑްރާމާ ތުރިލާ ފިލްމު "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" މިހާރު ވަނީ ހަފުތާ ބަންދުގެ ރެކޯޑުތައް މުގުރާލާފަ އެވެ. ފިލްމުގެ ޓީމުން އުއްމީދު ކުރި ވަރަށްވުރެ ބޮޑު ކާމިޔާބީއެއް ލިބުނު މި ފިލްމަކީ އެޅުވި ފުރަަތަމަ ހަފުތާ ބަންދުގައި އެންމެ ބޮޑު ތަރުހީބު ލިބުނު ފިލްމެވެ.

ހޮލީވުޑްގެ ގޯލްޑަން އޭޖުގެ ގޮތުގައި ދެކޭ 1960 ގެ އަަހަރުތަކަށް މަންޒަރު ބަދަލު ކޮށްދޭ މި ފިލްމުގައި ފެންނަނީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބްރެޑްޕިޓެވެ. މި ފިލްމު ޑޮމެސްޓިކް ބޮކްސް އޮފީހުން ދެވަނަ ހޯދީ 40 މިލިއަން ޑޮލަރާއެކު އެވެ.

ޖުލައި 26 ގައި އެމެރިކާގައި ރިލީޒް ކުރި މި ފިލްމަށް ހަފުތާ ބަންދުގައި އެކަނިވެސް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އުއްމީދު ކުރީ 30 މިލިއަނަށް އަރާނެ ކަމަށެވެ. އެ އަދަދު ފަހަނައަޅައި ގޮސް ބޮޑު ކާމިޔާބީއެއް ހޯދި އިރު މިއީ ޓެރެންޓީނޯގެ މޮޅު ޑައިރެކްޝަނުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އޭނާގެ ފިލްމެއް އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ 2009 ވަނަ އަހަރު ނެރުނު "އިންގްލޯރިއަސް ބާސްޓާޑްސް" އެވެ. އެ ފިލްމު ރިލީޒްކުރި ހަފުތާގައި 38 މިލިއަން ހޯދި އެވެ.

ނުވަ ދިހަ މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން ހެދި މި ފިލްމުގެ ކާމިޔާބީގެ ފަހަތުގައި ހުރީ ޓެރެންޓީނޯގެ ނަމާއި ފިލްމުގެ ލީޑަށް ނަގާފަައި ތިބި އޭ ލިސްޓު ތަރިންނެވެ. ފިލްމު ރޭޓް ކުރާ ރޮޓޮން ޓޮމާޓޯސް އިން 86 ޕަސެންޓު ދީފަައިވާއިރު އިންޓަނެޓް މޫވީ ޑާޓާ ބޭސް އިން ދިނީ 10 އަަކުން 8.7 ކެވެ.

މި ފިލްމު މާލޭގައި ރިލީޒް ކުރާނީ އަންނަ މަހު ނުވަ އެއްގަ އެވެ.