ވިޔަފާރި

ފުރަތަމަ ހަ މަސް: މަޝްރޫއުތަކަށް ކުރި ހޭދަ ދަށް، ރިކަރަންޓް ހަރަދު އިތުރު

Jul 29, 2019
3

ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދު ވަރަށް ބޮޑުތަނުން ދަށްވުމުގެ ސަބަބުން، މިދިޔަ ޖޫން މަހާ ހަމައަށް ކެޕިޓަލް ހަރަދުތައް 61.5 ޕަސަންޓް ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު އާއްމުކުރާ ހަރަދާއި އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާ ބަލާއިރު، ސަރުކާރުގެ ޖުމްލަ ހަރަދު ވަނީ 23 ޕަސަންޓް ދަށްވެފަ އެވެ. ޖުމްލަ ހަރަދު ދަށްވެފައި ވަނީ ކެޕިޓަލް ހަރަދު ކުރި މިންވަރު ދަށްވުމުން ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކެޕިޓަލް ހަރަދުގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވީ ނަމަވެސް، މިއަހަރުގެ ޖޫން މަހާ ހަމައަށް ބަޖެޓުން ބޭނުން ކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ.

ކެޕިޓަލް ހަރަދުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޕީއެސްއައިޕީއަށް ކުރި ހަރަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ އަހަރު މަޝްރޫއުތަކަށް 3.7 ބިލިއަން ހަރަދުކޮށްފައިވާއިރު، މިއަހަރުގެ ޖޫން މަހާ ހަމައަށް ހޭދަވެފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ.

ކެޕިޓަލް ހަރަދު ދަށްވި ނަމަވެސް، މުސާރަ އާއި ހިންގުމުގެ ރިކަރަންޓް ހަރަދު އެ މުދަތުގައި ތެރޭގައި ވަނީ 1.9 ޕަސަންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރާ އަޅާ ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރިކަރެންޓް ހަރަދުގެ ގޮތުގައި ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ އިތުރަށް ހަރަދުވެފައިވެ އެވެ. އޭގެ ތެރެއިން މުސާރަ އާއި ޕެންޝަނަށް ކުރި ހަރަދުވެސް އެ މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ.

އެ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވި ނަމަވެސް، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ވުރެ އާމްދަނީ ވަނީ ކުޑަކޮށް އިތުރުވެފަ އެވެ. އެގޮތުން ދައުލަތުން އެންމެ ގިނައިން އާމްދާނީ ހޯދާ ޓެކުހުން، އެ މުއްދަތުގެ ތެރޭގައި 8.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުން ނަގާ ޓެކްސްތަކުން ލިބުނު އާމްދަނީ ވެސް އެ މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ.

ނަމަވެސް، ޓެކްސް ނޫން އެހެން ގޮތްގޮތުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވެފައިވާކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެ ގޮތުން ޓެކްސް ނުހިމަނައި، ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވަނީ ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑްސްގެ ގޮތުގައި ލިބުނު ފައިސާ ދަށްވުމުންކަމަށްވެސް ފިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަަހަރަށް ކަނޑައަޅާފައިވާ 30 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް 11.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ކުރި ހަރަދަށް ވުރެ ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން، ދައުލަތުގެ މާލިއްޔަތު ވަނީ 38.4 މިލިއަން ރުފިޔާއިން އަރަނިވެފަ އެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ލަސްވަމުންދާކަމަށް ބުނެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ނަމަވެސް، މި ސަރުކާރުން އަވަސް އަރުވާލައިގެން އެއްވެސް މަޝްރޫއެއް ނުހިންގާނެ ކަމަށާއި ސަރުކާރުން މަޝްރޫއުތައް ހިންގާނީ އެ ކަމަށް ކުރަން ޖެހޭ ޕްލޭންތައް ކުރަން ވަގުތު ލައިގެން ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ ކުރީގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓެއް ކަމަށާއި އެ ބަޖެޓާއެކު މި ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި މަޝްރޫއުތައް ތަންފީޒު ކުރަން ދަތިތަކެއް ހުރިކަމަށް ބުނެ، ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.